Last Updated: May 11, 21:55
Monday, May 12, 2025
މުނިފޫހިފިލުވުން

'އަފްގާން ސްނޯ' ގައި ޓްރިޕްތީ އާއި ވިޖޭ

ޓްރިޕްތީ ދިމްރީ އާއި ވިޖޭ ވަރުމާ ލީޑް ރޯލު ކުޅެފައިވާ ސްޕައި ތުރިލާ "އަފްގާން ސްނޯ" މި އަހަރު ގެނެސްދޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ ބަތަލާ އަނުޝްކާ ޝަރުމާގެ ކޮއްކޮ ކަރްނޭޝް ޝަރުމާގެ ކްލީން ސްލޭޓް ފިލްމްސް އިން ނެޓްފްލިކްސްއާ ގުޅިގެން ހަދައި 2023 ގައި ނެޓްފްލިކްސްއާ ހަވާލުކޮށްފައިވާ އެއްޗެކެވެ. މި އަހަރު ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ބޮލީވުޑްގެ އުފެއްދުންތަކެއް ދައްކައިލަން މީގެ ދެ ދުވަސް ކުރިން މުމްބާއީގައި ބޭއްވި އިވެންޓްގައި "އަފްގާން ސްނޯ" އިއުލާންކޮށްފައި ނުވާތީ ބައެއް މީޑިއާތަކުން ސުވާލު އުފައްދާފައިވެ އެވެ.

އެގޮތުން މިހާރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އެ އިއުލާންކުރުން ނެޓްފްލިކްސް ފަސްކުރީ އިތުރު މަންޒަރުތަކެއް ޝޫޓްކުރަން ޕްލޭންކޮށްފައިވުމާއި އަލުން ފިލްމު އެޑިޓް ކުރަން ނިންމާފައިވާތީ އެ މަސައްކަތް ނުނިމި އޮތުމާ ގުޅިގެންނެވެ. ނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތްތައް ނިންމައި "އަފްގާން ސްނޯ" ޕްރީމިއާކުރާނެ ތާރީހެއް އިއުލާން ކުރާނެ އެވެ.

މީގެ ޑައިރެކްޓަރަކީ އަންޝާއީ ލާލް އެވެ.

ކްލީން ސްލޭޓް ފިލްމްސް އަކީ ނެޓްފްލިކްސް އަށް މަގުބޫލު އުފެއްދުންތަކެއް ގެނެސްދީފައިވާ ސްޓޫޑިއޯއެކެވެ. އޭގެ ތެރޭގައި ޓްރިޕްތީ ބަތަލާގެ ރޯލު ކުޅުނު 2022 ގެ "ޤަލާ" އާއި 2020 ގެ "ބުލްބުލް" ހިމެނެ އެވެ.

ކްލީން ސްލޭޓުން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި އަނުޝްކާ ކުޅުނު "އެންއެޗް 10" އާއި "ފިލޯރީ" އަދި "ޕަރީ" ވެސް ހިމެނެ އެވެ.

އަނުޝްކާ ކުޅެ އަދި ގެނެސްދޭނެ ދުވަހެއް އިއުލާން ނުކުރާ "ޗަކްދާ އެކްސްޕްރެސް" އަކީ ކްލީން ސްލޭޓާއި ނެޓްފްލިކްސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

ކްލީން ސްލޭޓްގެ އެންމެ ފަހުގެ އުފެއްދުމަކީ މިދިޔަ މަހުގެ 17 ގައި އެމެޒޯން ޕްރައިމް ވީޑިއޯ ޕްރީމިއާކުރި ސީރީޒް "ޕާޓަލް ލޯކް" ގެ ދެވަނަ ސީޒަނެވެ.