Last Updated: July 18, 11:10
Friday, July 18, 2025
ކުޅިވަރު

އާސެނަލް ކަޓުވާލައި ނިއުކާސަލް ފައިނަލަށް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑުން 2-0 އިން އާސެނަލް އަތުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ނިއުކާސަލުންނެވެ. ނިއުކާސަލް ފައިނަލަށް ދަތުރުކުރީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ނިއުކާސަލުން އެންމެ ފަހުން ލީގު ކަޕް ފައިނަލެއްގައި ކުޅުނީ 2023 ވަނަ އަހަރު އެވެ. އެ ފަަހަރު މެންޗެސްޓާ ޔުނައިޓެޑް އަތުން ވީ ބައްޔެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ނިއުކާސަލްގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަަށެވެ.

ނިއުކާސަލަށް މި މެޗުގައި ލީޑު ނަގައިދިނީ މެޗުގެ 19 ވަނަ މިނެޓްގައި ޖެކޮބް މާފީ އެވެ. މިއީ އެލެގްޒެންޑާ އިސާކް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތުމުން ލިބުނު ބޯޅައިގައި މާފީ ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 52 ވަނަ މިނެޓްގައި ނިއުކާސަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އެވެ. މި ގޯލަކީ އާސެނަލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ.

އެންމެ ފަހުން ޑޮމެސްޓިކް މުބާރާތެއް ނިއުކާސަލް ކާމިޔާބު ކުރީ 1955 ވަނަ އަހަރު އެވެ. އެ އަހަރުގެ އެފްއޭ ކަޕް ފައިނަލް އެޓީމުން ކާމިޔާބު ކުރީ ސިޓީ ބަލިކޮށްގެންނެވެ.

އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި ނިއުކާސަލް ބައްދަލުކުރާނީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ ލިވަޕޫލް އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކުރީ ޓޮޓެންހަމުންނެވެ.