Last Updated: May 11, 21:55
Monday, May 12, 2025
މުނިފޫހިފިލުވުން

ޝާހްރުކްގެ "މޭ ހޫ ނާ" ގެ ސީކްއެލްއެއް

ޝާހްރުކް ޚާން ހިމަނައިގެން ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު ފަރާ ޚާން ޑައިރެކްޝަނަށް ނުކުތް ފިލްމު "މޭ ހޫ ނާ" ގެ ސީކްއެލްއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ދެވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ފަރާ މިހާރު ރާވަމުން އަންނަ ކަމަށާއި އޭގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި "މޭ ހޫ ނާ 2" ވެސް ޕްރޮޑިއުސްކުރާނީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓުން ކަމަށް އެ ނޫހުން ބުންޏެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު "މޭ ހޫ ނާ" އަކީ 2004 ގައި ގެނެސްދިން ފިލްމެކެވެ. އޭގެ ކާސްޓްގައި ސުޝްމިތާ ސެން، ޒައިދު ޚާން އަދި އަމްރިތާ ރާއޯ ވެސް ހިމެނެ އެވެ.

ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޝާހްރުކާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން 2014 ގެ "ހެޕީ ނިއު އިޔާ" އެވެ. އޭނަ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޝާހްރުކާއި ދީޕިކާގެ 2007 ގެ "އޯމް ޝާންތީ އޯމް" އާއި އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ 2010 ގެ "ތީސް މާރް ޚާން" ވެސް ހިމެނެ އެވެ.

ފަރާ ފިލްމެއް ޑައިރެކްޓް ނުކުރާތާ ގިނަ އަހަރުތަކެއްވެފައިވާ އިރު، ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ހަދަން އޭނަ 2019 ގައި ސޮއިކުރި އެވެ. ނަމަވެސް މިހާތަނަށް އޭގެ މަސައްކަތްކޮށްފައެއް ނުވެ އެވެ.

ޝާހްރުކްގެ "މޭ ހޫ ނާ" ގެ ދެވަނަ ބައެއް ހަދަން ފަރާ ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، އެ ދެ މީހުންނަކީ ވަރަށް ގާތް ރައްޓެހިންކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޝާހްރުކް މިހާރު އަންނަނީ އޭނަގެ 2023 ގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ އާ ފިލްމު "ދަ ކިންގް" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.