Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

އައްޑު އަށް ފެން ލިބެނީ ވަރަށް ތުރާލުން: މޭޔަރު

އައްޑޫގެ ނިޒާމުގައި ހުރި މައްސަތަލަކާ ހެދި އަދިވެސް ފެނުގެ ހިދުމަތުން ބަޔަކު މަހުރޫމުވެފައިވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނާ ދިމާކޮށް ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ހެންވޭރު މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީ މީގެ 78 އަހަރު ކުރިން 1947 ގައި އައްޑު އަށް ކުރެއްވި ދަތުރަށް ފަހު ލިއުއްވި ދަތުރުނާމާ " ދޮންތުއްކަލާގެ އައްޑޫ ދަތުރު" ގައި އިނގިރޭސީން ގަމަށް ފައިބައި ކުރި މަސައްކަތުގައި އެބައި މީހުންނަށް ބޭނުން ވާނޭ ގޮތަށް މުޅި ގަމުގައި ފެންހޮޅިލުމީ އެއް މަސައްކަތް ކަމަށެެވެ.

"ކުޑައިރު ކޮޅަކަށް ނިކަން ވިސްލަމާތޯއެވެ. މާލެއަށްވުރެ ދޮޅުބައި ނުވަތަ ދެބައި ބޮޑު ރަށެކެވެ. މުޅި ރަށުގައި އިނގިރޭސިންގެ ގެތަކާއި ކާރުހާނާތަކެވެ. މި ހުރިހާ ތާކަށް އަބަދު ސާފު ބޯފެން ލިބޭނޭހެން ފެން އިސްކުރުލުމީ ފަހެ ކުޑަކަމެއްތޯއެވެ.؟" ލިޔުންތެރިޔާ ލިޔުއްވާފައިވާކަން ނިޒާރު ފާހަގަކުރެއްވި އެވެ.

ނަމަވެސް އޭގެ 78 އަހަރު ފަހުން އަދިވެސް ފެން ފަދަ އަސާސީ ހިދުމަތުން މަހްރޫމުވެފައިވާ ނުވަތަ ތުރާލުން އެ ހިދުމަތް ލިބޭ ރައްޔިތުން އައްޑޫގައި ދިރިއުޅެން ޖެހިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެހެންވެ އެއީ ރައްޔިތުން އަޑުއަހަން އުންމީދުކުރާ ރިޔާސީ ވައުދެެއް ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައ ވަނީ އައްޑު އަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މި އަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.

އައްޑު އަށް ފެނުގެ ހިދުމަތް ދެނީ ފެނަކައިންނެވެ. އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ. އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.