ބޮލީވުޑުން "އެނިމަލް" ގެ ނަމުގައު ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދީފައިވާ އިރު، ހޮލީވުޑުން ވެސް އެ ނަމުގައި ފިލްމެއް ހަދަން ނިންމައިފި އެވެ.
މި ފިލްމަކީ މަޝްހޫރު އެކްޓަރު ބެން އެފްލެކް ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ތުރިލާއެކެވެ. އެފްލެކް ޑައިރެކްޓްކުރާ "އެނިމަލް" ގެ މައިގަނޑު ކާސްޓަށް އެންމެ ފުރަތަމަ ނެގީ އޭނަގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު އެކްޓަރު މެޓް ޑޭމަން އެވެ. ނަމަވެސް އޭނަ އަށް ފިލްމު ދޫކޮށްލަން ޖެހުމާ ގުޅިގެން ޑޭމަން ކުޅެން އޮތް ރޯލު ފިލްމުގައި މިހާރު ކުޅޭ ގޮތަށް އެފްލެކެވެ.
އެހެންވެ "އެނިމަލް" އަކީ އޭނަ ޑައިރެކްޓްކޮށް، ކުޅޭނެ ފިލްމެކެވެ. މީގެ ކުރިން ވެސް އެފްލެކް މިފަދަ ޕްރޮޖެކްޓްތަކެއް ގެނެސްދީފައިވެ އެވެ.
ވެރައިޓީން ބުނީ ޑޭމަން އަށް ފިލްމު ދޫކޮށްލަން ޖެހުނީ އޭނަ ސޮއިކޮށްފައި އޮތް ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދި އޮޑޮސީ" ގެ ޝޫޓިން ޝެޑިއުލް އާއި "އެނިމަލް" ގެ ޝޫޓިން ފުށުއަރާތީ ވަގުތު ދިނުމުގެ ދަތިކަމާ ހެދި ކަމަށެވެ. އެ ފިލްމުގެ ޝޫޓިން ފަށަން ނިންމާފައި އޮތީ މި މަހުގެ ފަހުކޮޅު އެވެ.
އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޮސް އެންޖެލިސްގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "އެނިމަލް" އަކީ "ކެޕްޓަން ފިލިޕްސް" އާއި "ދަ ހަންގާ ގޭމްސް" ފަދަ ކާމިޔާބު ފިލްމުތަކުގެ ގެ ސްކްރީން ރައިޓަރު ބިލީ ރޭ އާއި ކޮނީ މެކްއިންޓީގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
"އެނިމަލް" ގެ ކާސްޓްގައި އެފްލެކާ އެކު އިނގިރޭސި ބަތަލާ ޖިލިއަން އެންޑަސަން ވެސް ހިމެނެ އެވެ.