ބޮލީވުޑްގެ ފިލްމު "ސަނަމް ތޭރީ ގަސަމް" ގެ ޕާކިސްތާންގެ މަޝްހޫރު ބަތަލާ މަރްވާ ހޮކޭން ކައިވެނިކޮށްފި އެވެ.
އުމުރުން 32 އަހަރުގެ ބަތަލާ އާއި އެކްޓަރު އަމީރް ގިލާނީ، 28، ކައިވެނިކުރީ އިއްޔެ އެވެ. ކައިވެނި ހަފުލާގެ ފޮޓޯތަކެއް ވެސް އެ މީހުންގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. މަރްވާ އާއި ގިލާނީ 2020 ގެ ސިލްސިލާ "ސަބާތު" ގައި އެކީގައި މަސައްކަތް ވެސް ކޮށްފައިވެ އެވެ.
ޕާކިސްތާންގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ މަރްވާ ކުޅުނު 2016 ގެ ބޮލީވުޑް ފިލްމު "ސަނަމް ތޭރީ ގަސަމް" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. ހާޝްވަރުދަން ރާނޭ ބަތަލުގެ ރޯލު ކުޅުނު ފިލްމުގެ ދެވަނަ ބައެެއް ހެދުމުގެ ވާހަކަތަކެއް ވެސް މިހާރު އަންނަނީ ދެކެވެމުންނެވެ.
އެކަމަކު ކުރީގެ ކާސްޓް އާ ފިލްމުގައި ހިމެނޭނެ ކަމެއް އަދި ނޭނގެ އެވެ.
މަރްވާ އަކީ ޕާކިސްތާންގެ މިހާރުގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރެއިިންއެކެވެ. ގިނަ އަދަދެއްގެ ސިލްސިލާތައް ކުޅެފައިވާ ބަތަލާގެ ދައްތަ އުރްވާ، ހޮކޭން، 33 އަކީ ވެސް ވަރަށް މަޝްހޫރު ބަތަލާއެކެވެ. އޭނަގެ ފިރިމީހާ ފަރުހާން ސައީދަކީ ވެސް އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެކެވެ.
މަރްވާގެ އެންމެ ފަހުގެ ސިލްސިލާ އަކީ ހަމް ޓީގެ "ޖަފާ" އެވެ.