ރާއްޖޭގެ މަސްރަހު ހަލަބޮލިކުރަން މަސައްކަތް ކުރާ ވަރަކަށް ގައުމު ވާނީ އިތުރަށް ނިކަމެތި ކަމަށާއި، ދަރަނި ދައްކަން ފައިސާއެއް ވެސް ނުލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލަން މަސައްކަތްކުރި ވަރަކަށް ގައުމު ދާނީ ނިކަމެތިވަމުން ކަމަށާއި މި އަހަރު ދައްކަންޖެހޭ ސުކޫކާއި ލޯނުތައް ދައްކަން ފައިސާއެއް ނުލިބޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ކެރިހުރެގެން ނުލިބޭނެ. މިތަން ހަލަބޮލިވަމުން ދިޔަވަރަކަށް ނުލިބޭނެ،" މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތާ ގައުމުގެ އަމާންކަން ރިވެތި ގޮތުގައި ގޮސްގެން މެނުވީ އެއްވެސް ދޮރެއް ނުހުޅެވޭނެ ކަމަށާއި ގައުމު އިތުރަށް ދާނީ ހަލާކުވެގެން ކަމަށެވެ. އަދި އެ ހާލަތުގައި މި ގައުމަށް އިންވެސްޓް ކުރާނެ މީހަކުވެސް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމު ދާނީ ހަލާކުވެގެން، ނިކަމެތިވެގެން ގައުމުގެ ރައްޔިތުންނަށް އިހުސާސެއް ވެސް ނުކުރެވޭނެ. މި ތަނަށް އިންވެސްޓްކުރާނެ މީހަކު ވެސް ނާންނާނެ. އެހެންވީމާ އެ މާހައުލަށް އަޅުގަނޑުމެން ދިޔުންތޯ ރަނގަޅީ؟" އޭނާ ވިދާޅުވި އެވެ.
ގައުމު ފަސާދައިގެ ތެރެއަށް ވައްޓާލުމުގެ ހައްގު އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށާއި އެއީ ގާނޫނު އަސާސީން ވެސް ދީފައިވާ ހައްގެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އަބަދުވެސް ވާހަކަދައްކަން ޖެހޭނީ ގައުމަށް އެންމެ ފައިދާހުރި ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށާއި ސަރުކާރުން ކުރާ ގޯސް ކަންކަމުގެ ވާހަކަ ވެސް ދައްކަންވާނީ އިތުރަށް އޮޅުވާ ނުލައި ތެދު ބަހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.