Last Updated: July 25, 10:39
Saturday, July 25, 2026
ޚަބަރު

ރައީސްގެ އެންމެ ބޮޑު ކާމިޔާބަކީ ގައުމު ނުދަރާ ސަލާމަތްކުރުން

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ކާމިޔާބަކީ ގައުމު ނުދަރާ ސަލާމަތްކުރުން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ރިޔާސީ ބަޔާނުން ރައީސް ދެއްވީ އުއްމީދުތަކެއް ކަމަށާއި ގައުމު ނުދަރާ މިއަދު މިއޮތީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ވަޒީރުން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

"ހަގީގައި ރައީސް މުއިއްޒު ހޯއްދެވި އެންމެ ބޮޑު ކާމިޔާބަކީ ގައުމު ނުދަރާ ސަލާމަތް ކުރުން،" ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި ނަމަވެސް އެ ހުރިހާ ކަމެއް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު މެނޭޖްކޮށްފައިވާ ކަމާއި މިހާރު މިއޮތީ މަސައްކަތްތައް ކުރިއަށް ގެންދަން ތަރުތީބު ކުރެވިފައި ކަމަށް ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

އަދި ރެޔާއި ދުވާލު ރައީސް މުއިއްޒު ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި ތަފްސީލީ ގޮތެއްގައި މިނިސްޓްރީތަކުގެ މަސައްކަތްތައް ވެސް އެމަނިކުފާނު ބައްލަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް އާދަޔާހިލާފު، ހަމަ ހަގީގަތުގައި ވެސް ރެޔާދުވާލު 24 އަވާސްއެއްގައި އަޅުގަނޑަށް ޔަގީން ރައީސް ވަރަށް މަދު ގަޑިކޮޅެއްގައިކަން އަވަހާރަޕުޅު ލައްޕަވާނީ. ވަރަށް ގިނަ މަސައްކަތް އެ މަނިކުފާނު އެ ކުރައްވަނީ. ކެބިނެޓުގައި ކޮންމެ ސަންޑޭއެއްގައި އެބަދޭ ހަމަ މި ޑީޓެއިލްއަށް، ހުރިހާ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ޔާމީން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ސައީދު ވަނީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން މިނިސްޓްރީތަކާ އެކު ކުރު މުއްދަތެއްގައި މިހާ ގިނަ މަސައްކަތްތަކެއް ކުރެއްވި ދުވަސްވަރެއް ފެނިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.