ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން، އެ ސްކޫލްގައި ކުރިން ތައުލީމު ހާސިލުކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަޙްމަދު ނަސީމާއި ގުޅޭގޮތުން ކުރި ޕޯސްޓް ޑިލީޓް ކުރީ، ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ޖަމާލުއްދީން ސްކޫލުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ ސްކޫލުން ތައުލީމު ހާސިލްކުރި ފަޚުރުވެރި ދަރިވަރުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން މީކާއިލްގެ ޕޯސްޓެއް ވެސް ހިއްސާކުރި ނަމަވެސް ފަހުން އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފަ އެވެ.
މީކާއިލް ވަނީ އެ ޕޯސްޓް ޑިލީޓް ކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޖަމާލުއްދީން ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ އެ ޕޯސްޓް ޑިލީޓްކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރުގެ (މީކާއިލް) ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ.
"އެފަދަ ކަންކަމަކީ މި ސްކޫލުން ގަބޫލުކުރާ އަހުލާގީ މިންގަނޑުން ބޭރު ކަމަށް ވާތީ އާއި އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުންދިއުމާ ގުޅިގެންނެވެ. ސްކޫލުން މި ޕޯސްޓް ޑިލީޓްކޮށްފައިވަނީ އެލުމްނާއި ޕްރޮފައިލް ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ،" ޖޭއެސްގެ ގެ ބަޔާނުގައިވެ އެވެ.
މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.