އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ލިވަޕޫލުން 0-4 އިން ޓޮޓެންހަމް އަތުން މޮޅުވެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި ދެ ޓީމު ޓޮޓެންހަމްގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ޓޮޓެންހަމުންނެވެ. ލިވަޕޫލް ފައިނަލަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
އަންނަ މަހު 16 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ލިވަޕޫލް ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ. ނިއުކާސަލް ފައިނަލަށް ދަތުރުކުރީ އާސެނަލް ކަޓުވާލުމަށްފަހު އެވެ.
މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ލިވަޕޫލްގެ ތިންވަނަ ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ޑޮމިނިކް ސޮބޮސްލާއި ކާމިޔާބުކޮށްދިން އިރު، އޭގެ ފަސް މިނެޓް ފަހުން ލިވަޕޫލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ވާޖިލް ވެންޑައިކް އެވެ.
ލިވަޕޫލުން ވަނީ އިނގިރޭސި ލީގު ކަޕް 10 ފަހަރު ކާމިޔާބުކޮށްފަ އެވެ.