Last Updated: July 25, 10:39
Saturday, July 25, 2026
ޚަބަރު

ޕްލޭނެއް ނެތް ކޮންޓްރެކްޓްތައް ބަލައިނުގަންނާނަން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: އެމްޑީޕީ

މި ސަރުކާރުން ޕްލޭނެއް ނެތި ހަދާ ކޮންޓްރެކްޓްތައް އެމްޑީޕީގެ ސަރުކާރަކުން ބަލައިނުގަންނާނެ ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން، އެމްޑީޕީ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން އަމީރު ވިދާޅުވީ ސަރުކާރުގެ ވިސްނުން މިހާރު ހުރީ އެކި ގައުމުތަކުން ކޮންޓްރެކްޓަރުން ގެނެސް، ހަތަރު އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށް އެއްބަސްވުންތައް އެކުލަވާލުމަށް ކަމަށެވެ.

"އެހެންވީމަ ވާގޮތަކީ 10 މިލިއަން ރުފިޔާ އަށް ކުރެވޭ މަސައްކަތް، ކޮންޓްރެކްޓަރު މިކުރަނީ 100 މިލިއަން ރުފިޔާ އަށް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ ސަރުކާރު ބަދަލުވެގެން، އެމްޑީޕީ ސަރުކާރެއްގައި އަޅުގަނޑުމެން އެއަށް އޮނާއެއް ނުކުރާނަން. މީ ހަމަ ސީދާ ދިވެހި ރައްޔިތުން ލޫޓުވުން،" އަމީރު ވިދާޅުވި އެވެ.

"ޗައިނާ ކޮންޓްރެކްޓަރުން ވެސް، އެހެން ގައުމުތަކުގެ ކޮންޓްރެކްޓަރުން ވެސް އަޑު އައްސަވަންވީ، އަޅުގަނޑުމެން އެއަށް އޮނާއެއް ނުކުރާނަން،"

އަމީރު ވިދާޅުވީ ހައުސިން ޔުނިޓްތައް އެޅުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުން ވެސް ސަރުކާރުގައި މިކަން ކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތްކަން ހާމަވެފައިވާ ކަމަށެވެ.

"ކޮންޓްރެކްޓަރު އަމިއްލަ ވިސްނުމުގައި ފައިސާ ވެސް ހޯދަންވީ. ކޮންޓްރެކްޓަރު ބުނަންވީ ކުރާނީ ކިހިނެއް ކަން. ހަތަރު އަހަރު ފަހުންތޯ ޕޭމެންޓް ދައްކަން ފަށާނީ. ސަރުކާރުގެ ނެތް އެއްވެސް ޕްލޭނެއް. ބަޖެޓްގައި ފައިސާއެއް ވެސް ނެތް. ރާއްޖެއަށް އައިސްފައި އެގޮތަށް އިންވެސްޓް ކުރާނެ ބައެއް ދުނިޔެއަކު ނެތް،" އަމީރު ވިދާޅުވި އެވެ.