ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވަމުންދާ ކަމަށް، އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނީ ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން، އެ ސްކޫލްގައި ކުރިން ތައުލީމު ހާސިލުކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަޙްމަދު ނަސީމާއި ގުޅޭގޮތުން ކުރި ޕޯސްޓް ޑިލީޓް ކޮށްލުމާ ގުޅިގެންނެވެ. ޖަމާލުއްދީން ސްކޫލުން ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން ކަމަށް ބުނެފަ އެވެ.
އަދި އެ ޕޯސްޓް ޑިލީޓްކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރުގެ (މީކާއިލް) ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށްވެސް އެ ސްކޫލުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މީކާއިލް އަށް އަމާޒުކޮށް އަގުވައްޓާލުމަށް ދައްކާފައިވާ ވާހަކަތަކުންނާއި އަދި މިކަން ހިނގައި ގޮސްފައިވާ ތަރުތީބަށް ބަލާލުމުން ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ނުރައްކާތެރި މިންވަރު ހާމަވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގައުމުގެ ވެރިންނާ އަދި ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ދެއްކުމާ އެފަދަ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މަސައްކަތަކީ މުހިއްމު ކަމެއް ކަމަށް ދަރިވަރުންނަށް އިހުސާސްކޮށްދިނުމަކީ އުނގަންނައިދޭ މަރުކަޒުތަކުގެ ޒިންމާއެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"ޖަމާލުއްދީން ސްކޫލްގެ މި އަމަލަކީ ދަރިވަރުންގެ ހިތުގައި ދައުލަތުގެ ވެރިންނާއި އަދި ދައުލަތް ޒިންމާދާރު ކުރުވުމުގެ އަގުހުރި ބުރަ މަސައްކަތް ކުރައްވާ ފަރާތްތަކާ މެދު އޮންނަން ޖެހޭ ފުރިހަމަ ގަދަރާ އިހުތިރާމް ކުޑަވެގެން ހިނގައިދާނެ އަމަލެކެވެ،" އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ވަނީ މިފަދަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީ އަށް ގޮވާލާފަ އެވެ.