ހދ. މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމުގެ ޔަޤީންކަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްޠަލިބު ދެއްވައިފި އެވެ.
މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަމުން މުއްތަލިބު ވިދާޅުވީ އެއާޕޯޓު އަޅަން ހިއްކި ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމުމުން، އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާނު ކުރާނެ ކަމަށެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ނަމަވެސް، އެއާޕޯޓުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.
"މަކުނުދޫގެ އެއާޕޯޓަކީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނު މާލެއިން ކުޅުދުއްފުއްޓަށް އަންނަން މިޖެހެނީ. ކަނޑު ގަދަ ދުވަސް ދުވަހު ކުޅުދުއްފުށިން މި ރަށަށް އައުމަކީ ދަތިކަމެއް," މުއްތަލިބް ވިދާޅުވި އެވެ.
މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރީ ސަރުކާރުން ހަވާލުކޮށްފައިވަނީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މަކުނުދޫ އެއާޕޯޓް މަޝްރޫއުއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެއާޕޯޓުގެ ރަންވޭ 1،500 މީޓަރުން 1،800 މީޓަރަށް ދިގުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.