އަދާލަތު ޕާޓީގެ ޖަލްސާއެއް މިރޭ ސ. ހިތަދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޖަލްސާ އޮންނާނީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިރޭ 8:30 ގަ އެވެ.
އަދާލަތު ޕާޓީން އައްޑު އަށް ކުރާ ދަތުރުގައި ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ޕާޓީގެ ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރައްްވާ ފަރޮސްމާތޮޑާ މެމްބްރު އަބްދުﷲ މުއްތޮލިބްގެ އިތުރުން ވެސް ބައެއް އިސްވެެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އަދާލަތުގެ ޓީމް މިއަދު ހުކުރު ކުރީ ފޭދޫ ހުކުރު މިސްކިތުގަ އެވެ. ހުކުރު ކުރެއްވީ ޝެއިހް އިލްޔާސް ހުސައިން އެވެ.
އަދާލަތު ޕާޓީގެ ހިތަދޫ ގޮފީގެ ވަގުތީ ރައީސް ޝެއިހް އަނިލް މިއަދު ވިދާޅުވީ މިރޭ ހިތަދޫގައި ޖަލްސާ ބޭއްވުމަށް ފަހު އަދާލަތުގެ ޓީމް މާދަމާ ހުޅުމީދު އަށް ވެސް ދާނެ ކަމަށެވެ. އަދި މާދަމާ ރޭ އެ ރަށުގައި ވެސް ޖަލްސާއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ޕާޓީ އަށް މެމްބްރުން އިތުރު ކުރުމަށް އަދާލަތުގެ ޓީމް ވަކިވަކިން އައްޑޫގެ ހުރިހާ ރަށަކަށް ވެސް ޒިޔާރަތްކޮށް، ޕާޓީ އަށް ވަންނަން އެދޭ ފަރާތްތައް ރަޖިސްޓްރީކޮށް ދެވޭނެ ކަމަށެވެ.
އައްޑު އަށް ކުރާ ދަތުރު ނިންމާލުމަށް ފަހު، ޓީމް ފުރާނީ ހޯމަ ދުވަހު ކަމަށް ވެސް އަނިލް ވިދާޅުވި އެެވެ.