ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ މަންޒަރުތަކެއް ބ. ކުޑަރިކިލުގައި ނަގައިފި އެވެ.
އެ ރަށުގައި ކުރިއަށް ގެންދިޔަ ޝޫޓިން ޝެޑިއުކް ނިންމައިލި ވާހަކަ ފިލްމު ފޭސްބުކް ޕޭޖްގައި މިއަދު ހިއްސާކޮށް، އެހީތެރިކަން ފޯރުކޮށް ދިން ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފައި އެވެ. ކުޑަރިކިލުގައި "ސޮރީ" ގެ މަންޒަރުތަކެއް ނަގާފައި މި ވަނީ ރީތިކޮށް ނަށާ އަންހެން ކުދިން އުޅޭ ރަށެއް ބުނެދޭން ސޯޝަލް މީޑިއާގައި އާންމުންގެ އެހީ އަށް ވެސް މިދިޔަ މަހުގެ ތެރޭގައި ނަހުލާ އެދިފައި ވަނިކޮށެވެ.
އެ ރަށުގައި ކުރިއަށް ގެންދިޔަ ޝޫޓިން ޝެޑިއުލްގައި ފިލްމުގެ ލީޑް ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ ބައިވެރިވެފައިވެ އެވެ، އަދި އައްޒަގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) ގެ އިތުރުން އަލީ ޝަމީލް ވެސް އެ ކްރޫގައި ހިމެނެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޝޫޓިން ކުރިއަށްދާ "ސޮރީ" ނަހުލާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ކާސްޓުން އޭނަގެ އާއިލީ ކުޑަ ދެ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ. މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ "ސޮރީ" ގެ ކާސްޓްގައި ޝީލާ ނަޖީބާއި ކުރީގެ އެކްޓަރު ހުސައިން ސޮބާ ވެސް ހިމެނެ އެވެ.
"ކަލާޔާ ނުލާ" އާއި "ނާއުންމީދު" އާއި "ޒުލޭހާ" އަދި "ޔޫސުފް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ނަހުލާގެ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "4426" އެވެ.