Last Updated: May 10, 14:05
Saturday, May 10, 2025
ދުނިޔެ

12 އަހަރުގެ ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްފި

ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު 12 އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށްލި އެ ގައުމުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އީސްވަރަން މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

މިނިސްޓަރުކަމުގެ ހުންނަވައިގެން އިޝްވަރަން ހަދިޔާގެ ގޮތުގައި ޕްރައިޓް ޖެޓް ދަތުރުތަކާއި ފޯމިއުލާ 1 ގެ ޓިކެޓާއި އަގުބޮޑު ބަނގުރަލާއި އެ ނޫން ވެސް އެތައް އެއްޗެއް ހޯއްދަވާފައިވެ އެވެ. ހަދިޔާގެ ގޮތުގައި އޭނަ ހޯއްދެވި ތަކެތީގެ އަގު 311،882 އެމެރިކާ ޑޮލަރަށް އަރަ އެވެ.

މި މައްސަލައިގައި ސުބްރަމާނިއަމް، 63، ގެ މައްޗަށް އުފުލި ދައުވާ ސާބިތުގެ ޖަލަށްލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ގަ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރަން ފެށިތާ ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސް ފަހުން އޭނަ މިއަދު ގޭބަންދަށް ބަދަލުކުރިކަން ސިންގަޕޫރްގެ ޕްރިޒަން ސާވިސް (އެސްޕީއެސް) އިން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އެތަނުން ބުނީ ސުބްރަމާނިއަމްގެ ހުކުމްގެ ބާކީ ބައި ތަންފީޒު ކުރާނީ ގޭބަންދުގެ ގޮތުގައި ކަމަށެވެ.

އަދި އެފަދަ ލުއެއް އޭނަ އަށް ދިނީ އަހުލާގަށް ބަލައިފައި ކަމަށް ވެސް އެސްޕީއެސް އިން ބުންޏެވެ. ނަމަވެސް ގޭބަންދަށް ސުބްރަމާނިއަމް ބަދަލުކުރީ އީ-މޮނިޓަރިން ޓެގް އަޅުވައި އަދި ކައުންސެލިން އަށް ޕްރިޒަން އޮތޯރޮޓި އަށް ރިޕޯޓްކުރަން ޖެހޭ ގޮތަށެވެ.

ސުބްރަމާނިއަމް އަކީ ސިންގަޕޫރްގެ ޓްރާންސްޕޯޓް މިނިސްޓަރުކަމުގެ އިތުރުން ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން މިނިސްޓަރުކަމާއި ޓްރޭޑް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނަ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވީ މެއި 15، 2021 އިން ޖެނުއަރީ 18، 2024 އާ ހަމައަށެވެ.