Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ސޯނޫ ހައްޔަރު ކުރަން ކޯޓް އަމުރެއް

އިންޑިއާގެ ލޫދިއާނާގެ ކޯޓުން ބަލަމުން އަންނަ މަކަރާއި ހީލަތުގެ މައްސަަލައެެއްގައި އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރި، ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރަން މިއަދު އަމުރެއް ނެރެފި އެވެ.

އެ އަމުރުގައި ވަނީ މި މަހުގެ 10 ގައި ސޯނޫ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އެ އަމިރުގައި ބުނެފައި ވަނީ ކޯޓަށް ހާޒިރުވާން އެތައް ފަހަރެއްގެ މަތިން ސޯނޫ އަށް އަންގާފައިވާ ކަމަށާއި މިހާތަނަށް އޭނަ އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ސޯނޫ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނި އޭނަ ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ އެއްވެސް ގުޅުމެއް އޮތް ކަމެއްގައި ނޫން ކަމަށާއި ގާނޫނީ ޓީމުން އެކަން ކުރިން ކޯޓަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ. ސޯނޫ ބުނި ގޮތުގައި އޭނައާ ގުޅުވައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެކަމުގައި ޝާމިލުވާ މީހުން މީޑިއާގެ ސަމާލުކަން ހޯދަންކޮށްފައިވާ ކަމެކެވެ.

އެހެންވެ މި މައްސަލައިގައި އޭނަގެ ގާނޫނީ ޓީމުން ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

ސޯނޫ ކޯޓަށް ހާޒިރު ކުރަން އަންގަނީ މޯހިތު ޝުކްލާ ކިޔާ މީހަކު ހިންގި ފޭކް "ރިޖިކާ" ފައިސާފޮތީގެ މުއާމަލާތަކާ ގުޅިގެން، ލޫދިއާނާ ވަކީލެއް ކަމަށްވާ ރާޖޭޝް ކަންނާ އަށް 10 ލައްކަ ރުޕީސް ގެއްލުންވެފައިވާ ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ. އެ މައްސަލައިގައި ބުނެފައި ވަނީ އެ މުއާމަލާތަކީ ސޯނޫ ވެސް ހިއްސާވާ މުއާމަލާތެއް ކަމަށެވެ.

ސޯނޫ އަކީ ކޮވިޑްގެ ތެރޭގައި އިންސާނިއްޔަތަށް ހިދުމަތް ކުރަން ފެށި މަސައްކަތާ އެކީ އާންމުންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ފަތޭ" އެވެ. އެއީ ސޯނޫ ޕްރޮޑިއުސްކޮށް، ޑައިރެކްޓް އަދި ބަތަލުގެ ރޯލު ވެސް ކުޅުނު ފިލްމެކެވެ.