އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ލެސްޓަ ސިޓީ ބަލިކޮށް، މުބާރާތުގެ ފަސްވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ކާމިޔާބުކުރީ ލެސްޓާ އިންނެވެ. ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މި ގޯލު ލެސްޓާ އަށް ކާމިޔާބުކޮށްދިނީ ބޮބީ ޑެ ކޯޑޯވާ އެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ދިޔައީ ލެސްޓާގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓްގައި ޖޯޝުއާ ޒާކްޒީ ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ލެސްޓާ އަށް ކުރިން ކުޅުނު ހެރީ މެގުއާ އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ލެސްޓާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ.
މެގުއާ މި ގޯލު ކާމިޔާބު ކުރިއިރު، ރިޕްލޭ އިން ފެންނަ ގޮތުގައި މެގުއާ ހުރީ އޮފްސައިޑް މަގާމެއްގަ އެވެ. ނަމަވެސް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ވީއޭއާރް ބޭނުން ނުކުރާތީ ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމާފަ އެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގެ މެޗުތައް މިއަދު ވެސް ކުޅޭނެ އެވެ.