Last Updated: May 3, 21:42
Saturday, May 3, 2025
ޚަބަރު

ދެމައިން ނިޔާވި މައްސަލަ ބަލައިދޭން މަޖިލީހަށް

މިދިޔަ ހަފުތާހައި ގއ. ވިލިނގިލީގައި އަންހެނަކު ވިހެއިތާ ގިނައިރުތަކެއްނުވެ ނިޔާވި ފަހުން، އޭނާގެ ދަރިފުޅު ވެސް ނިޔާވި މައްސަލަ ބަލައި ފިޔަވަޅު އަޅައިދި ނުމަށް އެމްޑީޕީގެ 'އަންހެނުންގެ ރޫހުން' ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފިއެވެ.

ނިޔާވެފައި ވަނީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހު އެވެ.

އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭމް އެދި މަޖިލީހަށް ސިޓީއެއް ފޮނުވީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުންނެވެ. އެ ގޮފީގެ ރައީސް އަދި އައްޑޫ މީީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ސޮއިކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ފޮނުއްވި ސިޓީގައި ވަނީ، ނޫސްތަކަށް ޝިއުނާގެ ފިރިމީހާ ދީފައިވާ މައުލޫމާތުން މި މައްސަލާގައި ސަރުކާރު މުއައްސަސާތަކުގެ އިހުމާލު ވަރަށް ބޮޑު ކަމަށް ދޭހަވާ ކަމަށް ބުނެފަ އެވެ.

އެގޮތުން، މައްސަލާގައި ތުހުމަތު ބޮޑަށް ކުރެވެނީ ގއ. އަތޮޅު ހޮސްޕިޓަލަށްކަމަށާއި އެ ހާދިސާއަކީ ސިއްޙީ ދާއިރާ ކުރިއަރާފައިވާ ޒަމާނެއްގައި މާބަނޑު އަންހެނަކަށް ދިމާވެގެންވާނެ ހާދިސާއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

"މާބަނޑު އަންހެނަކާއި ދަރިފުޅު ނިޔާވުމަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ ހޮސްޕިޓަލްގެ މަސައްކަތް ހިންގަން ޖެހޭ ގޮތަށް ފަރުވާތެރި ކަމާއެކު ނުހިންގުމާއި ސީ އެމްބިއުލާންސްއަކުން ލިބެން ޖެހޭ ޚިދުމަތްތައް އެ ގޮތުގައި ލިބެން ނެތުމުން ދިމާވި އިންތިހާއަށް ހިތާމެވެރި ހާދިސާއެއް އެއް ކަމުގައި ޝިފާޒް ޒާހިރު ވަނީ ފާހަގަކުރައްވާފައި." ސިޓީގައިވެ އެވެ.

އެހެންވެ އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ދިރާސާކޮށް، އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދުމަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރާ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިފައިވެ އެވެ.

"ކުރިއަށް އޮތް ތާނގާއި މި ފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މި މައްސަލަ ރަނގަޅަށް ބަލާ ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި އެމްޑިޕީގެ އަންހެނުންގެ ރޫހުން ދެކެން." ސިޓީގައި ބުންޏެވެ.

މި މައްސަލަ ފުލުހުންނާއި ހެލްތު މިނިސްޓްރީން އަންނަނީ ތަހުގީގު ކުރަމުންނެވެ.