އަންހެނުން އަދި މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އެންމެ ގަޔާވާނީ ތުނބުޅި ބެހެއްޓީ ކަމަށް އޭނަގެ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް ބުނެފި އެވެ.
މި މަހުގެ 14 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ވިކީގެ އާ ފިލްމު "ޗާވާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އެ ފިލްމަށް ގެނައި ލުކް ރީތިވެގެން ކެޓްރީނާ ވަރަށް ގިނައިން އެ ވާހަކަ ދެއްކި ކަމަށް ވިކީ ބުންޏެވެ.
ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ސަނބާޖީ މަހާރާޖްގެ ރޯލު ކުޅެން ހަށިގަނޑު ބިޔަކޮށް، ދިގު ތުނބުޅިއެއް ވިކީ ބެހެއްޓި އެވެ.
"އެހެންވެ އެ ލުކްވީ އަންހެނުން ވަރަށް ގަޔާވި ލުކަކަށް. އޭރު ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން އާއި ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރަށް ވެސް ގުޅައި، ކެޓްރީނާ ވަރަށް ގިނައިން އެ މީހުންނަށް ޝުކުރު ވެސް އަދާކުރި،" ވިކީ ބުންޏެވެ. "އޭނަ ބުނެފައި ވޭ ހިތަށް އަރައޭ ފިލްމުގެ ޝޫޓިން ފަސް އަހަރެއްހާ ދުވަހަށް ދިގުދެމިގެން ދިޔަ ނަމައޭ. ވަރަށް ރީއްޗޭ އަހަރެންގެ ޗާވާގެ ލުކް."
ވިކީ ބުނި ގޮތުގައި ތުނބުޅި އެއްކޮށް ބޭލުމުން ކެޓްރީނާ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންވެ ގަޔާވަނީ ތުނބުޅި ހުރުމުން ކަމަށް ބުންޏެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސަލްމާން ޚާނާއި އޭގެ ފަހުން ރަންބީރް ކަޕޫރާ ވެސް ރައްޓެހިވި ކެޓްރީނާ، ވިކީއާ ކައިވެނިކުރީ 2021 ގަ އެވެ.