ބޮލީވުޑްގެ ފިލްމީ އާއިލާއެއްގެ އިތުރު ޒުވާން އަންހެން ކުއްޖަކު ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވާން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީއަކުން ތައާރަފު ކުރަން ހަމަޖެހިފައި ވަނީ ކުރީގެ ބަތަލާ ރިންކީ ކަންނާގެ ދަރިފުޅު ނައޯމިކާ ސަރަން އެވެ.
ރިންކީ އަކީ އަކްޝޭ ކުމާރުގެ އަންހެނުން ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އެ ދެބައިންނަކީ ބަތަލާ ޑިމްޕަލް ކަޕާޑިއާ އާއި މަރުވެފައިވާ އެކްޓަރު ރާޖޭޝް ކަންނާނެ ދެ ކުދިންނެވެ.
ނައޯމިކާ، 21، ބޮލީވުޑަށް ތައާރަފު ކުރަން ތައްޔާރީތައްވަމުން އަންނަ އިރު، އޭނަގެ މަންމަ ރިންކީގެ ފުރަތަމަ ފިލްމަކީ 1999 ގެ "ޕިޔާރު މޭ ކަބީ ކަބީ" އެވެ.
އޭނަ އަކީ ވަރަށް އަވަހަށް ކެރިއަރު ނިންމައިލި ބަތަލާއެކެވެ. ރިންކީ، 47، ކައިވެނިކުރީ 2003 ގަ އެވެ. އޭގެ ފަހުން ފިރިމީހާ ސަމީރު ސަރަންއާ އެކީ ދިރިއުޅެނީ އިނގިރޭސިލާތުގަ އެވެ. އެ ދެ މީހުންނަށް ލިބިފައި ވަނީ ދެ ދަރިންނެވެ. ނައޯމިކާ އަކީ އޭގެ ތެރެއިން ދޮށީ ދަރިފުޅެވެ.
ނައޯމިކާ މި ފަހުން ބޮލީވުޑްގެ އެކި އިވެންޓްތަކުން ވެސް ފެނެ އެވެ. އެގޮތުން މިދިޔަ މަހު ރިލީޒްކުރި އަކްޝޭގެ "ސްކައި ފޯސް" ގެ ޕްރީމިއާގައި މާމަ ޑިމްޕަލްއާ އެކީ ނައޯމިކާ ބައިވެރިވެފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ ނައޯމިކާ ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލަކީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ކަމަށެވެ. އޭނަ ތައާރަފުވީ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާނާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ވެސް ތައާރަފުވި 2023 ގެ "ދި އާޗީސް" އިންނެވެ.
އަގަސްޓިއާ މިހާރު އަންނަނީ މެޑޮކްސްގެ "އިއްކީސް "ގެ މަސައްކަތް ކުރަމުންނެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ އޭނައާ އެކު ނައޯމިކާ ތައާރަފުކުރާ ރޮމޭންޓިކް ކޮމެޑީގެ ޑައިރެކްޓަރަކީ ޕަންޖާބީ ފިލްމުތަކެއް ހަދާފައިވާ ޖަގްދީޕް ސުދީ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.