Last Updated: July 26, 12:01
Sunday, July 26, 2026
ރިޕޯޓް

ބާއްޖަވެރިކަމުން މަޙްރޫމުވެފައިވާ މީހާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަބާއްޖަވެރިވަނީ ހަވާނަފްސަށްތަބާވެ، އަދި ފާފަތަކާއި ނުބައިކަންކަމަށް އަރައިގަތުމުންނެވެ. ދުނިޔަވީ ލައްޛަތުތަކުގެ ތެރެއިން ޙަރާމްކަންތައް ވަށާލެވިފައި ވަނީ ގެއްލުމުންނެވެ. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް އަބާއްޖަވެރިވުމުގެ ސަބަބެކެވެ. ﷲ ތަޢާލާ ވަޙީކކުރެއްވިއެވެ. ﴿وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا …﴾ (سورة طه ١٢٤)

މާނައީ: ”އަދި ތިމަންރަސްކަލާނގެ ޛިކުރަށް (އެބަހީ: ޤުރުއާނަށާއި ރަސޫލާ صلى الله عليه وسلم އަށް ބާވާލެއްވުނު ތަކެއްޗަށް) ފުރަގަސްދީފިމީހަކަށް، ފަހެ ހަމަކަށަވަރުން އެމީހަކަށްއޮތީ ދަތި ދިރިއުޅުމެކެވެ.”

އެބަހީ: ދަތިކަމާއި ބުރަކަމެވެ.

ޝައިޚަލް އިސްލާމް رحمه الله ވިދާޅުވިއެވެ: “މިޢާލަމުގައި އަޅާއަށް ޚާއްޞަވެފައިވާ ކޮންމެ ނުބައި ކަމެއްގެ ސަބަބަކީ: ރަސޫލާ صلى الله عليه وسلم އާ ޚިލާފުވުމެވެ. ނުވަތަ އެކަލޭގެފާނު ގެންނެވި ތަކެއްޗާމެދު ޖާހިލުވުމެވެ. އަދި ހަމަކަށަވެރުން ދުނިޔެއާއި އާޚިރަތުގައިވެސް އަޅާގެ ބާއްޖަވެރިކަންވަނީ ރިސާލަތަށް ތަބާވެގެންނެވެ.” [فتاوي شيخ الإسلام / ١٩، ٩٣]

އަބާއްޖަވެރިކަމުން ބާއްޖަވެރި ކަމަށް ދެވޭނީ ﷲއަށް ތައުބާވެ ރުޖޫޢަވެގެންނެވެ. އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: “އަދި ނުބައިކަމުގެ ދޮރު ބަންދުކުރެވެނީ ތައުބާވެ އިސްތިޣްފާރުކުމުންނެވެ.” [زاد المعاد / ٤، ٢٠٢]

ފަހެ ތައުބާގެ ދޮރުގައި ޓަކި ޖަހާށެވެ. އަދި ފާފަތަކުގެ ދޮރު ބަންދުކުރާށެވެ. އެއީ ބާއްޖަވެރިކަމުގެ ރަހަ ލިބުމަށްޓަކައެވެ. ހިތަށް ޢާފިޔަތުލިބެނީ ފާފަކުރުން ދޫކޮށްލުމުންނެވެ. ހިތުގެ ކައިރީ ފާފަތަކަކީ ވިހައެއްގެ ދަރަޖައިގައިވާ އެއްޗެކެވެ. އެ ހަލާކުކޮށް ނުލައިފިއްޔާ ބަލިކަށިކޮށްލައެވެ. ފާފަކުރުމުގެ ނިކަމެތިކަމުން ކިޔަމަންގަތުމުގެ ޢިއްޒަތްތެރިކަމަށް ބަދަލުވެއްޖެމީހާގެ އަތުގައި މުދަލެއް ނެތް ނަމަވެސް، ﷲ އޭނާއަށް ފުދުންތެރިކަން ދެއްވަ އެވެ. އަދި އެކުގައި އުޅޭ މީހެއް އޭނައާއެކު ނެތަސް އެކަނިވެރިކަން ވެސް ފިއްލަވައި ދެއްވަ އެވެ.

ޙަޤީޤީ އަބާއްޖަވެރިއަކީ އޭނާގެ އިލާހަށް ކިޔަމަންގަތުމުން ފުރަގަސްދިން މީހާ އެވެ. އަދި ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައި ގަންނަ މީހާ އެވެ.
__________________________________________

މި ލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މަސްދަރު: ދިސަލަފިއްޔާ