Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

ފުވައްމުލައް އޯޖީޕީގެ މެންބަރު ސިޓީއަކަށް

އޯޕަން ގަވަރަމަންޓް ޕާޓްނަޝިޕް (އޯޖީޕީ) ގެ މެންބަރަކަށް ރާއްޖެވި އިރު، އޭގެ މެންބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ ސިޓީއަކަށް ފުވައްމުލައްވެއްޖެ އެވެ.

އެ ޖަމާއަތުގެ މެންބަރަކަށްވުމާއި އޭގެ މެންބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ ސިޓީއަކަށް ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ފުވައްމުލައް ހަމަޖެހުނީ ފިލިޕީންސްގެ ވެރިރަށް މެނީލާގައި މި މަހުގެ 5-7 އަށް ބޭއްވި އޯޖީޕީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދީ ބައްދަލުވުމުގަ އެވެ.

މިކަމާ ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މިއީ އެ ކައުންސިލް ހިންގުމުގައި ހާމަކަން ބޮޑުކުރުމާއި، ޖަވާބުދާރީވުން އިތުރުކުރުމާއި، އަދި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޯޖީޕީގެ ބައްދަލުވުމުގައި ބައިވެރެވަޑައިގަތް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެފައި ވަނީ އޭގެ މެމްބަރަކަށް ރާއްޖެ ވުމަކީ ރައިީސްގެ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގުވުމާއި ދުރުވިސްނުންފުޅުގެ ތެރެއިން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ރައީސަށް މަރުހަބާ ވެސް ވިދާޅުވެފައިވެ އެވެ.

ޢާދަމް ޝަރީފް ވިދާޅުވީ ރާއްޖެ އިން އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މިއީ ކޮރަޕްޝަނާ ދެކޮޅަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިންނާއި އިޖުތިމާޢީ ޖަމްޢިއްޔާތަކުގެ ވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުންނާއި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކާއި ސްޓޭކް ހޯލްޑަރުން ބައިވެރިވި އެވެ.

އޯޖީޕީ އުފެއްދީ މީގެ 13 އަހަރު ކުރިން ސެޕްޓެމްބަރު 20، 2011 ގަ އެވެ. އޭގެ މެންބަރުންގެ އަދަދު މިހާރު 77 އަށް އަރާ އިރު، މެންބަރު ސިޓީތަކުގެ އަދަދު 150 އަށް އަރަ އެވެ.