Last Updated: July 25, 09:39
Saturday, July 25, 2026
ޚަބަރު

އަދުލު އިންސާފަށް ހުރަސްއަޅަން ފުރުސަތެއް ނުދޭނެ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އަދުލު އިންސާފަށް ހުރަސްއަޅަން ދިވެހިން ފުރުސަތު ނުދޭނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން މިރޭ ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބާރު ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމަށް ކަމަށެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ، ސިޔާސީ ޕާޓީތަކުން ބޭނުންވުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލުކަމަށް ކަނޑައެޅުމަށް، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މިހާރު ރާވާފައިވާއިރު، ހުސްވާ މަގާމުތަކަށް މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން، މިހާރު މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރަމުން ގެންދާ ދެ ބޭފުޅަކު އައްޔަންކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ،" އެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓަކީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ އެމްޑީޕީގެ ސަރުކާރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އެ ޕާޓީން ބުނެ އެވެ. ޝަރުއީ ދާއިރާއަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރުމަކީ އަދުލުވެރި އަދި ރައްޔިތުންގެ އިތުބާރު އޮތް ޝަރުއީ ދާއިރާއެއް ހޯދުމަށްޓަކާ ކުރެވޭ މަސައްކަތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެ އެވެ.

މި މަސައްކަތް ސަރުކާރުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ތެެދުވުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.