ވަޒީފާއެއްގެ ވަޒީފާއެއްގެ އިންޓަވިއުއަކަށް ދިއުމުން ވަރަށް ހީހީފައި މަލާމާތްކޮށް ފުރައްސާރަކުރި ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ސީއީއޯ ލުބްނާ ޒާރިރުގެ މައްޗަށް ކުރި ތުހުމަތު ދޮގު ކުރައްވައި، އެ މައްސަލާގައި ދައުވާ ވެސް ކުރައްވާނެ ކަމަށް ލުބްނާ ވިދާޅުވެއްޖެ އެވެ.
އަހުމަދު ޒަކީ ކިޔާ މީހަކު ފޭސްބުކް ޕޯސްޓެއްގައި ބުނީ ލުބުނާ އަކީ އޭނަ އިންޓަވިއުއަކަށް ދިއުމުން މަލާމާތް ކުރެއްވުމުގެ އިތުރަށް އުފެދުމުގައި ހުރި އައިބުތަކަކަށް ވެސް ފުރައްސާރަކުރެއްވި ކަނބަލެއް ކަމަށެވެ.
"ކަނބަލަކަށްވާތީ ވަރަށް ކެތްތެރިކަމާ އެކު ތަހައްމަލު ކުރީ ރައްދުގައި އެއްވެސް އެއްޗެއް ނުބުނެ." އޭނަ މިހާރު ޑިލީޓްކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެ އެވެ.
އެ ޕޯސްޓްގެ ސްކްރީންޝޮޓަކާ އެކު ލުބްނާ ވިދާޅުވީ އޭނައާ ބެހޭ ގޮތުން ހަދާފައި ވަނީ ކަނޑައެޅި ދޮގު ކަމަށެވެ. އަދި ހަޔާތުގައި މިހާތަނަށް އިންޓަވިއު ޕެނެލެއްގައި ބައިވެރިވެވަޑައިގަތީ 2011 ގައި އެންޑީއޭ އަށް ސީއީއޯގެ ނަގަން އެތަނުގެ ބޯޑުން ބޭއްވި އިންޓަވިއު ޕެނެލްގައި އެކަނި ކަމަށް ވިދާޅި އެވެ.
އަދި އެ ނޫން އެއްވެސް އިންޓަވިއު ޕެނެއްލައި ދުވަހަކު ވެސް ހިއްސާވެވަޑައިނުގަންނަވާ ކަމަށާއި އަމިއްލަ ވިޔަފާރި އަށް ކޮށްފައިވާ އިންޓަވިއުތަކުގައި މުޅިން ވެސް އިންޓަވިއު ކުރައްވާފައި ވަނީ އަންހެން ބޭފުޅުންނާ ކަމަށް ވެސް ލުންބާ ވިދާޅުވި އެވެ.
އޭނަ ވިދާޅިުވީ އޭނަ އަކީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރައްވާ ޒާތުގެ ބޭފުޅެއް ނޫން ކަމަށާއި މިހާތަނަށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ދަންނަ މީހުންނަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ލުބްނާގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ދައުވާ ކުރާނެ ކަމަށް ވިދާޅުމުން ޒަކީ މިއަދު ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ ފޭސްބުކްގައި ލިޔާ އެއްޗަކަށް ކޯޓަށްދާ މީހަކަށް އިތުރު ކަމެއް ކުރަން އަވަދި ނުވާނެ ކަމަށެވެ.
ލުބްނާ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ ދަރިކަނބަލެކެވެ.