ބޮލީވުޑްގެ ފިލްމުތަކަށް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރާޔަން ލައިވް ޝޯއެއްގެ ތެރޭގައި އަންހެން ފޭނަކާ ކިސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނަ އަށް ގިނަ ބައެއްގެ މައާމަލާތާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އުމުރުން 69 އަހަރުގެ ލަވަކިޔުންތެރިޔާ މިހާތަނަށް ފާހަގަ ކުރެވިފައި އޮތީ އިންޑިއާ މީހުން ކިޔާ ގޮތުން ނަމަ ވަރަށް "ސަންސްކާރީ" ފަންނާނެއްގެ ގޮތުގަ އެވެ.
ނަމަވެސް ލައިވް ޝޯއެއްގެ ތެރޭގައި އުދިތުގެ ފަރާތުން ފެނިގެން ދިޔަ ބޭއަދަބީ އަމަލާ ގުޅިގެން އޭނަގެ މުޅި "އިމޭޖް" މިހާރު މި ވަނީ ހަރާބުވެފަ އެވެ.
ސޯޝަލް މީޑިއާގައި އެތައް ބަޔަކު އުދިތަށް ޖޯކް ޖަހަނީ އެވެ. ތަފާތު މީމްތަކާ ވެސް އެކީގަ އެވެ. އަނެއްކޮޅުން އިންޑިއާގެ ކޮމީޑިއަނުން ވެސް "އުދިތަށް ހެދިގެން" އޭނަގެ އަމަލަށް ޖޯކް ޖަހައި ވީޑިއޯތައް އާންމުކުރަނީ އެވެ.
އުދިތިު ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އަކީ އެމެރިކާ ނުވަތަ ކެނެޑާގައި އޭނަ ދާދި ފަހުން ދިން ޝޯއެއްގެ ތެރޭގައި ހިނގައި ދިޔަ ކަމެކެވެ. އެގޮތުން ސްޓޭޖް މަތީގައި ފިލްމު "މޮހްރާ" ގެ މަޝްހޫރު ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" ހުށަހަޅައި ދެމުން ދަނިކޮށް ޒުވާން އަންހެނަކު ސްޓޭޖާ ގާތްވެ، އުދިތުއާ އެކު ސެފްލީއެއްގެ ނެގުމުގެ ތެރޭގައި ލަވަކިޔިންތެރިޔާ މޫނަށް އެ މީހާ ބޮސް ވެސް ދެ އެވެ.
އެއާ އެކީ އުދިތު އެ އަންހެން މީހާ "ހިފަހައްޓާ ބަހައްޓާފައި" ކިސްކުރާ ތަން ފެނެ އެވެ. މީ ވީޑިއޯ އާންމުވެ އެތައް ބަޔަކަށް ހައިރާންކަން ގެނުވި، އެ ޝޯގެ ތެރޭގައި އުދިތު އަންހެނުންތަކަކާ ވެސް ސްޓޭޖް މަތީގައި ހުރެގެން ގައިގޯޅިވާން އުޅޭ މަންޒަތަކެއް ފެންނަ ވިޑިއޯތަކެއް ވެސް ދައުރުވެފައިވެ އެވެ.
މިކަމާ ގުޅިގެން އުދިތު ވަނީ ދިފާއުގައި ވާހަކަ ދައްކައި، އެ ވީޑިއޯއާ މެދު ކަންބޮޑުނުވާ ކަމަށް ބުނެފަ އެވެ. އޭނަ ބުނި ގޮތުގައި ފޭނުން އެ މީހުން ސަޕޯޓްކުރާ މީހުންނާ ހެދީ އެ ވަރަކުން އުޅޭ ނަމަ، ފޭނުން ވެސް އިންތިހާ އަށް އުފާކޮށް ދޭން އެވެ. އަދި އޭނަގެ އެ އަމަލަކީ ފޭނަކު އުފާކޮށް ދޭން ކުރި ކަމެއް ކަމަށާއި އެއިން ގޯސް މާނައެއް ނަގަން ނުޖެހޭ ކަމަށް އުދިތު ބުންޏެވެ.
ކޮންމެއަކަސް އުދިތުގެ "ބޭއަދަބީ" ވީޑިއޯއާ އާންމުވެ، އޭނަގެ ހަޔާތުގެ އިތުރު ވާހަކަތައް ވެސް މިހާރު އަންނަނީ ތިލަވަވަމުންނެވެ. އެގޮތުން ދެވަނަ ކައިވެންޏެއް ކުރީ، ފުރަތަމަ އަންބަށް ސިއްރުން ކަމަށް ވެސް ފަޅާއަރާފައިވެ އެވެ. އުދިތު 1985 އިން ފެށިގެން ކައިވެނިކޮށްގެން އުޅެނީ ކުރިން ކެބިން ކްރޫއެއްގައި މަސައްކަތްކޮށްފައިވާ ދީޕާ ގަހަތުރާޖްއާ އެވެ.
އުދިތުގެ ހަމައެކަނި ދަރިފުޅުގެ މަންމަ އަކީ ދީޕާ އެވެ. އެ މީހުންގެ ދަރިޔަކީ ރާއްޖޭގައި ޝޯއެއް ދީފައިވާ އަދި ރާއްޖޭގައި ވީޑިއޯ ލަވައެއް ވެސް ޝޫޓްކޮށްފައިވާ އަދިތިޔާ ނާރަޔަން އެވެ.
މިހާރު ކާފަދަރިޔަކު ވެސް ހުރި އުދިތުގެ ފުރަތަމަ އަންހެނުންނަކީ ރަންޖަނާ އެވެ.
އުދިތާ ގުޅޭ ގޮތުން މިހާރު ތިލަވެފައިވާ އިތުރު ވީޑިއޯތަކުގައި އޭނައާ އެކީ ލަވަތަކެއް ކިޔާފައިވާ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަލްކާ ޔަގްނިކާއި ޝްރެޔާ ގޯޝަލްއާ ވެސް ގައިގޯޅި ވާން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ހިމެނެ އެވެ. އެއީ ވެސް ހަމަ އާންމުންގެ ކުރިމަތީގައި ޝޯތަކުގެ ތެރޭގަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ އުދިތުގެ "ބޭއަދަބީ" ވީޑިއޯއާ ގުޅިގެން އޭނަ އަށް މިހާތަނަށް އޮތް އިހުތިރާއި ލޯބި ވަރަށް ބޮޑަށް ވެސް އުނިވެފައިވާކަމެވެ.
އޭނަ ވެފައި މިއޮތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މުނިފޫހި ފިލުވަން ޖަހާ ސަކަރާތަކަށެވެ.