އައްޑޫ ހައި ސްކޫލްގެ ކެޕްޓަނަކަށް ގްރޭޑް 12 ސީގެ ދަރިވަރު އީމާން ޝަފީގް ހޮވައިފިއެވެ.
އައްޑޫ ހައި ސްކޫލްގެ ދަރަޖަ ދިނުމަށް މިރޭ ޝަރަފުއްދީން ސްކޫލްގެ ހޯލްގައި ބޭއްވި ހަފްލާގައި އީމާން ޝަފީގް އަށް މަގާމު ހަވާލް ކޮށްދެއްވީ ޝަރަފުވެރި މެހްމާން އެމް.އެން.ޑީ.އެފް ސަދަން އޭރިޔާގެ ކޮމާންޑަރު ކާނަލް އަބްދުއްރަޙީމް އަބްދުއްލަތީފެވެ.
މިރަސްމިއްޔާތުގައި ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނާއި، ހައުސްތަކުގެ ކެޕްޓަނުންގެ އިތުރުން ޕްރިފެކްޓަރުންނާއި އަދި ސީނިއާ ޕްރިފެކްޓަރުންގެ ގޮތުގައި ހޮވުނު ކުދިން ވަނީ މަގޫމުގެ ހުވާކޮށްފައެވެ.
މި ހަފްލާގައި އައްޑޫ ހައިސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުންނަކީ މުޖްތަމައަށް ފައިދާ ހުރި ގާބިލް ދަރިވަރުންނަށް ވާން ޖެހޭނެ ކަމަށާއި ދަރަޖަ ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ދިރިއުޅުމުގެ ކަންކަމުގައި ކުރިމަތި ލައި، ކުރިއަށް ދިމުގެ ސިފަ ދަސްކޮށްދިނުމަށް ހަވާލު ކުރެވޭ ޒިއްމާތަކެއް ކަމަށެވެ.
އަދި މިފަދަ ދަރިވަރުންގެ ކިބައިން ފެންނަން ޖެހޭ ސިފަތަކުގެ މައްޗަށް ނަދީމް އަލި އަޅުވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އައްޑޫ ހައި ސްކޫލަކީ މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކުގެ ތެރެއިން ރަންވަނަތައް ހާސިލް ކުރަމުން އަންނަ ސްކޫލެކެވެ.
އައްޑޫ ހައި ސްކޫލުން ވަނީ އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ޔޫއޭއީގައި ބާއްވަމުން އަންނަ ޒައިދު ފިއުޗާ އެނަޖީ ދެކުނު އޭޝީއާގެ ސަރަހައްދުގެ އެވޯޑް ހާސިލްކޮށްފައެވެ.