Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ޕްރިތަމްގެ އަތުން ވައްކަންކޮށްގެން ފިލައިފި!

ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު، ޕްރިތަމްގެ މުވައްޒަފަކު އޭނަގެ އަތުން ވައްކަންކޮށްގެން ފިލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 40،000،000 ރުޕީސްއާ އެކު ފިލީ މުމްބާއީގެ ހުންނަ ޕްރިތަމްގެ ސްޓޫޑިއޯ، ޔިނިމިއުޒް ރެކޯޑްސްގެ އޮފީސް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އަޝިޝް ސަޔާލް، 32، އެވެެ. އޭނަ ޕްރިތަމާ އެކު މަސައްކަތްކުރާތާ 7 އަހަރުވެފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ވައްކަންކުރި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކުރުމާ ގުޅިގެން އަޝިޝް ހޯދުމުގެ މަސައްކަތް މުމްބާއީގެ ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ޕްރިތަމްގެ، މެނޭޖަރު ވިނީތު ޗޭޅާއާ ހަވާލާދީ މީޑިއާތަކުން ބުނީ އޮފީސް އެސިސްޓަންޓް ވަގަށް ގެންދިޔަ ފައިސާ އަކީ ޕްރޮޑިއުސަރު މަދޫ މަންޓޭނާގެ ޕްރޮޖެކްޓަކަށް ޕްރިތަމަށް މިދިޔަ އަންގާރަ ދުވަހު ހަވާލުކުރި ފައިސާތަކެއް ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޕްރިތަމް، 53، އަކީ މިހާރު ބޮލީވުޑްގެ ކާމިޔާބު އެއް މިއުޒިކް ޑައިރެކްޓަރެވެ. އޭނަ މިހާތަނަށް ބޮލީވުޑްގެ 120 އަށް ވުރެ ގިނަ ފިލްމުތަކުގެ މިއުޒިކް ހަދާފައިވެ އެވެ.