الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އުސާމަތު ބުން ޒައިދުގެފާނުގެ އަރިހުން ރިވާވެގެންވެ އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ.
«مَنْ صُنِعَ إِلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ: جَزَاكَ اللَّهُ خَيْرًا فَقَدْ أَبْلَغَ فِي الثَّنَاءِ» [رواه الترمذي (2035) وصححه الألباني في المشكاة (3024)]
މާނައީ: “އެމީހަކަށްޓަކައި ހެޔޮކަމެއް ކޮށްދެވުމުން، އެ ހެޔޮކަން ކޮށްދިން ފަރާތަށް جَزَاكَ اللَّهُ خَيْرًا ‘ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި’ އޭ ބުނެފިނަމަ، ފަހެ ހަމަކަށަވަރުން އެކަންތައް ކޮށްދިން ފަރާތަށް އެމީހާ ރަނގަޅަށް ޘަނާ ފޯރުކޮށް ދީފި އެވެ. (އެބަހީ: ޝުކުރު އަދާކުރުން ޙައްޤުގޮތުގައި ޝުކުރު އަދާކޮށްފިއެވެ.)
ޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އަދި މިއީ ޙަސަން ޞަޙީޙު ޙަދީޘެއް ކަމުގައި އެކަލޭގެފާނު ވިދާޅުވި އެވެ.
ޙަދީޘްގެ ޝަރަޙަ:
މިއީ ދުޢާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ ތެރޭގައި މާތް ﷲ އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި އުސާމަތު ބުން ޒައިދުގެފާނުގެ އަރިހުން ރިވާވެގެންވާ މި ޙަދީޘް ހިމެނިގެންވެ އެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ.
“އެމީހަކަށްޓަކައި ހެޔޮކަމެއް ކޮށްދެވުމުން، އެ ހެޔޮކަން ކޮށްދިން ފަރާތަށް جَزَاكَ اللَّهُ خَيْرًا ‘ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި’ އޭ ބުނެފިނަމަ، ފަހެ ހަމަކަށަވަރުން އެކަންތައް ކޮށްދިން ފަރާތަށް އެމީހާ ރަނގަޅަށް ޘަނާ ފޯރުކޮށް ދީފި އެވެ. (އެބަހީ: ޝުކުރު އަދާކުރުން ޙައްޤުގޮތުގައި ޝުކުރު އަދާކޮށްފިއެވެ.)”
މީހަކު ތިބާއަށް ހެޔޮކަމެއްކޮށް ދީފި ނަމަ، ނޫނީ އެހީއެއް ވެދީފި ނަމަ، ނޫނީ ޢިލްމެއް ފޯރުކޮށް ދީފި ނަމަ އަދި މި ނޫން ކަމަކުން ވިޔަސް ތިބާއަށް ކަމެއް ކޮށްދީފިނަމަ، ފަހެ އެމީހަކަށް އެކަމުގެ ބަދަލު ދިނުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«مَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ» [رواه أبو داود (1672) وصححه الألباني في المشكاة (1943)]
މާނައީ: “ތިޔަބައިމީހުންނަށް މީހަކު ހެޔޮކަމެއް ކޮށްދީފި ނަމަ، އެމީހަކަށް އޭގެ ބަދަލު ދޭހުށިކަމެވެ.”
ބަދަލު ދިނުން ވަނީ މީސްތަކުންގެ ޙާލަތުގެ މައްޗަށް ބިނާކޮށެވެ. މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް، އެމީހަކު ތިބާއަށް ދިން އެއްޗަކާ އެއްފަދަ އެއްޗެއް ނުވަތަ އެއަށް ވުރެ ގިނައިން ދިނުމުން އެއީ ބަދަލެއްކަމުގައި ވެގެންދެއެވެ. އަދި އަނެއްބައި މީހުންނަށް ދުޢާކޮށް ދިނުމުން ވެސް އެއީ ބަދަލެއްކަމުގައި ވެގެންދެ އެވެ. އަދި މުދަލުން ބަދަލު ދިނުމަށް ބައެއް މީހުން ނުރުހެއެވެ.
ފަހެ އެ މީހެއްގެ މިލްކުގައި ގިނަ މުދާ ހުރި، މީހުންގެ ކުރިމަތީ އެމީހެއްގެ ޤަދަރުހުރި ޝަރަފުވެރި މީހަކު ތިބާއަށް ހަދިޔާއެއް ދިނުމުން، އެ ހަދިޔާއާ އެއްފަދަ އެއްޗެއް ތިބާ އެމީހާއަށް ދީފިނަމަ، އެމީހާއަށް ފަހަރުގައި ކުޑައިމީސް ކަމެއްގެ ގޮތުގައި އެކަން ވެދާނެއެވެ. ނަމަވެސް އެފަދަ މީހާއަށްޓަކައި، ތިބާ ﷲ އަށް ދުޢާކުރާށެވެ.
«فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ، فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ» [رواه أبو داود (1672) وصححه الألباني في المشكاة (1943)]
މާނައީ: “ފަހެ ތިޔަބައި މީހުންނަށް ބަދަލުގެ ގޮތުގައި ދޭނެ އެއްޗެއް ނުލިބިއްޖެނަމަ، ހަމަކަށަވަރުން ތިޔަބައި މީހުންނަށް އެ މީހަކަށް ބަދަލު ދެވިއްޖެ ކަމަށް ފެންނަންދެން އެ މީހަކަށް ދުޢާކޮށްދޭށެވެ.”
އެގޮތުން ތިބާ އެމީހާއަށް جَزَاكَ اللَّهُ خَيْرًا އޭ ބުނުން އެކަމުގައި ހިމެނިގެން ވެއެވެ. މީހަކު ތިބާއަށް އެއްޗެއް ދީފިނަމަ ނުވަތަ ތިބާއަށް މަންފާއެއްކޮށްދީފި ނަމަ، ފަހެ ތިބާ އެމީހާއަށް “جَزَاكَ اللَّهُ خَيْرًا” މިހެން ބުނާށެވެ. މިގޮތަށް ބުނެފިކަމުގައިވާ ނަމަ ފަހެ ހަމަކަށަވަރުން ތިބާ އެމީހާއަށް އެކަށީގެންވާ ޘަނާ ފޯރުކޮށް ދީފި އެވެ. އެއީ ﷲ ތަޢާލާ އެމީހަކަށް ހެޔޮ ޖަޒާ ދެއްވައިފި ނަމަ، އެކަން ވާހުށީ ދުނިޔެ އާއި އާޚިރަތުގައި ވެސް އެ މީހަކަށްވާ ބާއްޖަވެރި ކަމަކަށެވެ.
—————————————————-
شرح رياض الصالحين للشيخ محمد بن صالح العثيمين (6/49–50)
މަސްދަރު: ދިސަލަފިއްޔާ