Last Updated: July 25, 09:39
Saturday, July 25, 2026
ޚަބަރު

އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅާކަމުގެ ތުހުމަތު

އިއްޔެ ބޭއްވި ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުން ސަރުކާރުގެ ކެންޑިޑޭޓް ބަލިވުމުން، އެ ރަށު ފެނަކަ އޮފީހުގައި މަސައްކަތްކުރާ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް، އާމިނަތު އަޒުމާ އެވެ.

އެމްޑީޕީން ބުނީ އެ ރަށު ފެނަކަ އޮފީހުގައި މަސައްކަތް ކުރާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މުވައްޒަފުންތަކާއި ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ، އެ ތަހުގީގުގައި އިތުރަށް ކަންކަން ބަލަން ޖެހޭތީ 14 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުން ސަސްޕެންޑް ކުރީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް އެމްޑީޕީން ބުނެ އެވެ.

ސަރުކާރަށް ތާއީދު ނުކުރުމަކީ އެ މީހަކު އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށާއި އިންތިހާބުތަކުގައި ވާދަކުރުމާއި ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގަކަށް ވާއިރު އެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެ މީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ ފިނޑި އަމަލެއް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން އެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ދަނިކޮށް ކަމަށްވެސް ބުނެފައިވެ އެވެ.