Last Updated: July 18, 11:10
Friday, July 18, 2025
ކުޅިވަރު

ލިވަޕޫލް ލަދުވެތި ގޮތަކަށް އެފްއޭ ކަޕުން ކަޓައިފި

އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޕްލައިމައުތު އާގައިލް އަތުން 1-0 އިން ބަލިވެ އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ލަދުވެތި ގޮތަކަށް ލިވަޕޫލް ކަޓައިފި އެވެ.

ޕްލައިމައުތަކީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ އެންމެ ފުލުގައި އޮތް ޓީމެވެ. މިއީ 1956 ވަނަ އަހަރަށް ފަހު ޕްލައިމަތު އަތުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ޕްލައިމައުތުގެ ދަނޑުގައި ކުޅުނު މި މެޗަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ އާންމުކޮށް ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޕްލައިމައުތަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 53 ވަނަ މިނެޓްގައި ރަޔަން ހާޑީ އެވެ. މި ޕެނަލްޓީ އެޓީމަށް ލިބުނީ ލިވަޕޫލްގެ އޭރިއާގެ ތެރެއިން އެޓީމުގެ ހާވީ އެލިއޮޓްގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ.

މި ގޯލަށް ފަހު ލިވަޕޫލުން ކުރިއަށް ޖެހިލައިގެން ޕްލައިމައުތުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައިވެ އެވެ. އެ ހަމަލާތައް ދިފާއުކުރުމުގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕްލައިމައުތުގެ ގޯލްކީޕަރު ކޯނާ ހަޒާޑްގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.

ޕްލައިމައުތު އާގައިލް އިން ލިވަޕޫލް އެފްއޭ ކަޕުން ކަޓުވާލިއިރު، އެޓީމުން ވަނީ މުބާރާތުގެ ތިންވަނަ ބުރުގައި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑް ވެސް ބަލިކޮށްފަ އެވެ.

މި ސީޒަނުގައި ލިވަޕޫލަށް ތިން ތަށްޓެއް ކާމިޔާބު ކުރުމުގެ އަދިވެސް އެބައޮތެވެ. އެގޮތުން ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑަކާއެކު ލިވަޕޫލް އޮތްއިރު، ދާދިފަހުން އެޓީމު ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް އަދި ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ.