މި އަހަރުގެ ތެރޭގައި އިތުރު ތިން ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމު ކުރާނެ ކަމަށް ހެލްތު މިނިސްޠްރީން ބުނެފި އެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބްލަށް ބޭންކް ގާއިމު ކުރަން ފެށި މަސައްކަތުގެ ދަށުން މިދިޔަ އަހަރު އައްޑު އާއި ކުޅުދުއްފުށީގައި ބްލަޑް ބޭންކުގެ ޚިދުމަތް ފުޅާކޮށްފައިވެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމައި ހެލްތު މިނިސްޓްރީގެ ނައިބު މުޙައްމަދު ފިޒްނީ ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަޙައްދުގައި ބްލަޑް ބޭންކް ޤާއިމުކޮށް އަދި ކުރިން ހުރި ބައެއް ތަންތަން އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އޭނަ ވިދާޅުވީ މި އަހަރު ގާއިމު ކުރަން ނިންމާފައިވާ ތިން ބްލަޑް ބޭންކްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ރަށްރަށުން ތެސީމިއާ ކުދިންނާއި އަދި އެނޫން ފަރާތްތަކަށްވެސް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު ކަށަވަރުވެގެންދާނެ ކަމަށް ފިޒްނީ ވިދާޅުވި އެވެ.
މި އަހަރު ބްލަޑް ބޭންކް ގާއިމު ކުރަން ނިންމާފައި ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގަ އެވެ.