ކެރިއަރުގައި މިހާތަނަށް ކުޅެވުނު އެންމެ އުނދަގޫ ފިލްމަކީ އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ޕީރިއަޑް ފިލްމު "ޗާވާ" ކަމަށް އެ ފިލްމުގެ ބަތަލު ވިކީ ކޯޝަލް ބުނެފި އެވެ.
އޭގެ ޕްރޮމޯޝަންގެ ތެރެއިން 'ރޭޑިއާ ނަޝާ" ގައި ހުނަރުވެރި އެކްޓަރު ބުނީ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ސަނބާޖީ މަހާރާޖްގެ ރޯލަކީ ވަރަށް ބޮޑެތި ތައްޔާރީތަކެއް ވާން ޖެހުނު ކެރެކްޓާއެެއް ކަމަށެވެ. އެގޮތުން އެ ވަރުގަދަ ހަނގުރާމަވެރިޔާގެ ރޯލު ކުޅުމަށްޓަކައި ހަނގުރާމައިގެ ހުނަރުތައް ދަސްކުރަން ގިނަ ޓްރެއިނިންތަކެއް ހަދަން ޖެހުމާއި ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ވިކީ ބުންޏެވެ.
އެގޮތުން ހަށިގަނޑު ވަރުގަދަކޮށް ބިޔަ ކުރުމަށްޓަކައި 25 ކިލޯ އިތުރު ކުރަން ޖެހުމާއި ބޮލުގެ އިސްތަށިގަނޑު ވެސް ދިގުކުރަން ވިކީ އަށް ޖެހުނެވެ. އަދި "ޗާވާ" ގެ ޝޫޓިން 2023 ގައި ފެށީ އެ ތައްޔާރީތައް ވާން ވަރަށް ގިނަ ވަގުތު ވެސް ދިނުމަށް ފަހު ކަމަށް ވިކީ ބުންޏެވެ.
"މީގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނި ތިމަންނަ ބޭނުމެއް ނޫނޭ ވީއެފްއެކްސް ބޭނުންކޮށްގެން އަހަރެންގެ ކެރެކްޓާ ފުރިހަމަ ކުރާކަށް،" ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު ބުންޏެވެ. "އެހެންވެ އަހަންނަށް ހަގީގަތުގައި މި ރޯލަށް ތައްޔާރުވާން ވަރަށް ވަރަށް ގިނަ ދުވަހުގެ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު. ޖިސްމީނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރަށް ވަރުގަދަ ވާން ޖެހުނު ފިލްމެއް ޗާވާ އަކީ."
ވިކީ ބުނި ގޮތުގައި މި ފިލްމަކީ އެއްގޮތަކަށް ވެސް ފަސޭހަ ފިލްމެއް ނޫނެވެ. އަދި މިހާރު "ޗާވާ" ބަލާލުމުން ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.
"އަހަރެން ލައްވާ މި ވަރުގެ ޗެލެންޖެއް ނެގުވީތީ ޑައިރެކްޓަރަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން. ހަގީގަތުގައި އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ޑައިރެކްޓަރުގެ ވިޝަން ހާސިލުކޮށް ދޭން މަސައްކަތްު ކުރެވުން،" ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ބުންޏެވެ. "ޗާވާ އަކީ އަހަންނަށް އެ ހިތްހަމަޖެހުމާއި އުފާ ލިބުނު ފިލްމެއް."
މި ފިލްމަކީ ލަކްޝްމަންއާ އެކު ވިކީ މަސައްކަތް ކުރި ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ލައިޓް-ހާޓެޑް ފިލްމެއް ކަމަށްވާ 2022 ގެ "ޒަރަ ހަޓްކޭ، ޒަރަ ބަޗްކޭ" އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޗާވާ" އަކީ މިދިޔަ މަހު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު "ސްކައި ފޯސް" ވެސް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ އުފެއްދުމެކެވެ. މީގެ ކާސްޓްގައި ރަޝްމިކާ މަންދަނާ އާއި އަކްޝޭ ކަންނާ ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު "ބޭޑް ނިއުސް" އިން ފެނިގެން ދިޔަ ވިކީ މިހާރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގެ ކާސްޓްގައި ދެމަފިރިން ކަމަށްވ ރަންބީރް ކަޕޫރާއި އާލިއާ ބަޓް ވެސް ހިމެނެ އެވެ.