ޑަސްބިނަކުން ހޮވި "ހެރީ ޕޮޓާ" ވާހަކަ ސީީރީޒްގެ ފޮތަކަށް ނީލަމެއްގައި 26،000 ޑޮލަރު ލިބިއްޖެ އެވެ.
ޑެނިއަލް ޕިއާސް ކިޔާ އިނގިރޭސިވިލާތުގެ މީހަކު "އެންއެލްބީ އޮކްޝަން" ގެ ނަމުގައި ހިންގާ އޮކްޝަން ހައުސް އިން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ނީލަމުގައި "ހެރީ ޕޮޓާ" ވާހަކަ ސީރީޒްގެ އެންމެ ފުރަތަމަ ބައި ކަމަށްވާ "ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފާސް ސްޓޯން" ވިކުނީ 26،052.60 ޑޮލަރަށެވެ.
ނީލަން ކާމިޔާބުކުރީ އެމެރިކާގެ މީހެކެވެ. އެކަމަކު އެއީ ކާކު ކަމެއް ހާމައެއް ނުކުރެ އެވެ.
ޑަސްބިނަކުން ހޮވި މި ވާހަކަ ފޮތަކީ އެންމެ ފުރަތަމަ ޗާޕްކުރި އެ ވާހަކައިގެ 500 ކޮޕީގެ ތެރެއިން ޕަބްލިކް ލައިބްރަރީތަކަށް ހަދިޔާކުކުރި 300 ފޮތުގެ ތެރެއިން ފޮތެއް ކަމަށްވާ ޑެނިއަލް ބުންޏެވެ.
އޭނަ ބުނީ ނީލަމުގައި ވާހަކަ ފޮތަށް ލިބުނު އަގާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
ހަތް ބަޔަކަށް ނެރުނު "ހެރީ ޕޮޓާ" ވާހަކަ ސީރީޒަކީ އިނގިރޭސި ލިޔުންތެރިޔާ ޖޭކޭ ރޯލިން ލިޔުނު ވާހަކައެކެވެ. އެގޮތުން އެ ވާހަކައިގެ ފުރަތަމަ ބައި 1997 ގައި ނެރުމަށް ފަހު އެންމެ ފަހު ބައި 2007 ގަ އެވެ. މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރި ކަމެއް ހޯދި "ހެރީ ޕޮޓާ" ވާހަކަ ސީރީޒަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ވެސް ގެނެސްދީފައިވެ އެވެ.