އިލެކްޝަންސް ކޮމިޝަން (އީސީ) ރައީސަކަށް މެމްބަރު ޑރ. މުހައްމަދު ޒާހިރިު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސޮލާހަކީ މިދިޔަ މަހުގެ ތެރޭގައި އީސީ އަށް އައްޔަން ކުރި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑަިގަންނަވާ މެމްބަރެވެ.
ޒާހިރަކީ 2021 އިން ފެށިގެން އިސީގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ނަމަވެސް ޒާހިރަކީ ތުހުމަތުތަކަކާ ގުޅިގެން މިދިޔަ އަހަރުގެ ތެރޭގައި އީސީ ވަކިކުރަން މަޖިލީހަށް ހުށަހެޅި ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އެއީ 2023 ގެ ރިޔާސީ އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން އޮޅުވާލުމާއި އިންތިހާބުގެ ޑޭޓާބޭސް އިން އެޕްލިކޭޝަން ހަދައިގެން، އެ ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއްގަ އެވެ.
ނަމަވެސް މަޖިލިހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ޒާހިރު ޒާހިރު މަގާމުގައި ބެހެޓުމަށެވެ.

އީސީގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ދަށުން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާ އަށް ދީފަ އެވެ. އެގޮތުން ރައީސަކަށް ޒާހިރު، އަދި ނައިބަކަށް ސޮލާހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީ މަޖިލީހުގެ ޖަލްސާގައި އިއްވި އެވެ.