Last Updated: May 7, 16:38
Wednesday, May 7, 2025
ޚަބަރު

މަސްވެރިކަން އިންވެސްޓަރުންނަށް ފަހި ސިނާއަތަކަށްވެއްޖެ

މަސްވެރި ސިނާއަތަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި ސިނާއަތަކަށް މިހާރު ވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގައި އޭނަ ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓްގައި މަސް ހުންނަ އަގަށް މިފްކޯ އިން މަސް ގަންނަން ފެށުމުން މަސްވެރި ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ، ސަރުކާރަށް ބަރޯސާ ނުވެ މިފްކޯ ހިންގޭނެ މާހައުލެއް މިހާރު އެބައޮތް ކަމަށާއި އެއާއެކު، ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުން މަސްވެރި ސިނާއަތަށް ކުރާ އިތުބާރު ބޮޑު ކަމަށެވެ.

"މަސްވެރި ސިނާއަތަކީ މިއީ ބޭރުގެ އިންވެސްޓަރުންނާއި ބޭންކްތަކުންވެސް އިންވެސްޓްކުރާނެ ސިނާއަތެއްގެ ގޮތުގައި އެއްކަލަ ސަރުކާރަށް ބަރޯސާ ނުވާ ގޮތަށް މިފްކޯ ވެސް އޮޕަރޭޓްކުރަން އެ މާހައުލު އެ އުފެއްދެވީ،" އޭނަ ވިދާޅުވި އެެވެ. "ހަމަ އެއާއެކު އެ މާހައުލު އުފެދުމާއެކީގައި އެހެން ކުންފުނިތަށްވެސް މީގެ ތެރެއަށް އައީމާ ބޭރުގެ އިންވެސްޓަރުންނަށް އެބަ އެނގޭ މިއީ ރާއްޖޭގައި އިންވެސްޓްކުރަން ރަނގަޅު ދާއިރާއެއްކަން، ރަނގަޅު ސިނާއަތެ ކަން. ބޭންކްތަކުން ޖެހިލުމެއް ނުވޭ މަސްވެރި ސިނާއަތަށް ލޯނުތައް ދޭކަށް."