Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ހަމަލާގެ ފަހުން ހަގު ދަރިފުޅު ދިނީ ކަނޑިއެއް!

މިދިޔަ މަހުގެ ތެރޭގައި ގެއަށް ވައްކަން ކުރަން ވަން މީހަކު ދިން ހަމަލާއާ ގުޅިގެން ސާޖަރީއަކަށް ފަހު ގެއަށް އައުމުން އެންމެ ހަގު ދަރިފުޅު ޖޭ ދިނީ ރައްކަލަކަށް ކަމަށް ބުނެ ޕްލާސްޓިކް ކަނޑިއެއް ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުރިމަތިލާން ޖެހުނު އެ ހާދިސާގެ ވާހަކަ ދިއްލީ ޓައިމްސްއާ ހިއްސާ ކުރަމުން ސައިފް ބުނީ އެންމެ އުފާވި އާއިލާގެ އިތުރު އެއްވެސް މީހަކަށް އެ ހަމަލާގައި ގެއްލުމެއް ނުވާތީ ކަމަށެވެ. ސައިފް ކިޔައި ދިން ގޮތުގައ އޭނަ އާއި އަންހެނުން ކަރީނާ ކަޕޫރާއި ދެ ކުދިން ދިރިއުޅޭ އެޕާޓްމަންޓަށް ވަން ވަގު ފެނުނީ ޖޭގެ ކޮޓަރިތެރޭގައި ވަޅިއެއް ހިފައިގެން އުޅެނިިކޮށް ކަމަށެވެ.

"އެއީ މެންދަމު ގާތްގަނޑަކަށް ދޭއް ޖަހާކަށްހާ އިރު. އޭނައާ އަހަރެން ކުރިމަތިލީމަ ވަޅިން ހަމަދާ ދިނީ. އަދި ވަގުގެ ކިބައިން އަހަރެން ސަލާމަތްވީ ގޭގައި ގެންގުޅޭ ގީތާގެ ސަބަބުން. އޭނަ ވަގު ބޭރަށް ނެރެން މަސައްކަތްކުރި ދަނޑިވަޅުގައި އަހަރެން ޖޭ ގޮވައިގެން ކޮޓަރިން ނުކުމެ ކަރީނާގެ ކޮޓަރި އަށް ގެންދިޔައީ." ސައިފް ބުންޏެވެ.

އޭނަ ބުނީ ހަމަލާއާ ގުޅިގެން، ދެން ދޮށީ ދަރިން ކަމަށްވާ ސާރާ އަލީ ޚާނާއި އިބްރާހީމް އަލީ ޚާނަށް ގުޅި ކަމަށާއި ހޮސްޕިޓަލަށް ދިޔައީ އިބްރާހީމާއި ތައިމޫރާ އެކީގައި ކަމަށެވެ. ތައިމޫރަކީ ސައިފާއި ކަރީނާގެ ދޮށީ ދަރިފުޅެވެ.

"އަހަރެންގެ ގައިން ލޭފައިބާ ތަން ފެނުނީ ތައިމޫރު އެންމެ ފުރަތަމަ ވެސް އެހި އެއްޗަކީ ބައްޕަ މަރުވަނީ ހެއްޔޭ؟" ސައިފް ކިޔައި ދިނެވެ. "އެ ހާދިސާގެ ފަހުން ޖޭ އަހަންނަށް ޕްލާސްޓިކް ކަނޑިއެއް ދީފައި ޖޭ ބުނީ ބައްޕަ ނިދަން ވާނީ އެނދުގެ ކައިރީގައި އެ ބާއްވައިގެންނޭ. އޭރުން ދެން ވަގަކު ވަންނަަ ފަހަރަކު ހަމަލާ ދެވޭނޭ."

ސައިފަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު ޝަރީފުލް އިސްލާމް ޝެހެޒާދު، 30، އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މުމްބާއީގެ ރެސްޓޯރަންޓެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހާ އިންޑިއާގައި ދިރިއުޅެމުން އައީ ބިޖޯއި ދާސް އަށް ނަން ބަދަލުކޮށްގެންނެވެ.

ހަމަލާގެ ފަހުން ސައިފްގެ އެޕާޓްމަންޓްގެ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށް، ސެކިއުރިޓީ ވަރުގަދަކޮށްފައިވެ އެވެ. އެގޮތުން އޭނަގެ ސެކިއުރިޓީ މިހާރު އޮތީ އެކްޓަރު ރޯނިތު ރޯއި ބަޖާޖް) ގެ ސެކިއުރިޓީ ކުންފުނި، 'އޭސް ސެކިއުރިޓީ އެންޑް ޕްރޮޓެކްޝަން' އާ ހަވާލުކޮށްފަ އެވެ.