Last Updated: May 11, 11:51
Sunday, May 11, 2025
މުނިފޫހިފިލުވުން

ސަލްމާންގެ ފިލްމަށް 500 ކްރޯޑްގެ ބަޖެޓެއް

ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހިމަނައިގެން ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދަން ނިންމާފައިވާ ފިލްމަށް 500 ކްރޯޑް ރުފީސް 57.1 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ މެއި/ޖޫން ހިސާބުގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ މި ޕީރިއަޑް ޑްރާމާއާ ބެހޭ ގޮތުން އެޓްލީ ކުރިން ބުނެފައި ވަނީ މިއީ އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހައެއް އަދި ކަންތައްތަކެއް ގެނެސްދޭނެ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށެވެ.

ނަމަވެސް މި ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާތީ މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް ނުލިބެ އެވެ.

އެކަމަކު ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިން ކަމަށްވާ ރަޖްނީކާންތާއި ކަމަލް ހަސަން ވެސް ހިމެނޭނެ ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. އަދި މިދިޔަ މަހު ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ބަތަލާއަކަށް ނަގަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާންގެ "ސިކަންދަރު" ގެ ވެސް ބަތަލާ ރަޝްމިކާ މަންދަނާ ކަމަށެވެ.

އެޓްލީ އަކީ ޝާހްރުކް ޚާންގެ 2023 ގެ ކާމިޔާބު އެކްޝަން ތުރިލާ "ޖަވާން" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ތަމަޅަ ފިލްމުތައް ކަމަށްވާ "ބިޖިލް" އާއި "މާސަލް" އާއި "ތެރީ" އަދި ރާޖާ ރާނީ" ހިމެނެ އެވެ.