Last Updated: May 15, 10:51
Thursday, May 15, 2025
ޚަބަރު

ޓެކްސީ ހިދުމަތް ދޭކަށް ސަރުކާރުން ނޫޅޭ: ފަލާހް

މި ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ސަރުކާރުން ނޫޅޭ ކަމަށާއި މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަށް ހުރި އުނދަގޫތައް ހައްލުކޮށް ދޭން ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުންތަކެއް ކުރި އިހުތިޖާޖަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ހުރި ދަތިތައް ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށެވެ.

ފަލާހު ވިދާޅުވީ މި ސަރުކާރަކީ ގައުމަށް ހިދުމަތް ކުރުމުގެ ނިޔަތުގައި އޮތް ސަރުކާރެއް ކަމަށެވެ.

"ސަރުކާރަކުން ނޫޅުއްވާ ޓެކްސީގެ ހިދުމަތް ދޭކަށެއް،" އޭނަ ވިދާޅުވި އެވެ. "ޓެކްސީ ޑްރައިވަރުންނަށް މިހާރު ހުރި ގޮންޖެހުންތަކާއި އެ ބޭފުޅުންނަށް ހުރި ދަތިތަކާ، މި ހުރިހާ ކަމެއް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ވަރަށް ކައިރިން ބައްލަވާ އެކަން ހައްލު ކުރުމަށްް ވަރަށް ކައިރިން މަސައްކަތް ކުރައްވަމުން."

ނަމަވެސް ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ޓެކްސީ ހިދުމަތް ދޭން އުޅޭ ވާހަކަ ޓްރާންޕޯސްޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ. އޭނަ ވިދާޅުވެފައި ވަނީ މިކަން ކުރަން ބޭނުންވާ ސަބަބަކީ އާންމު ރައްޔިތުންނަށް ޔަގީންކަމާ އެކު ޓެކްސީ ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމު ކުރުމުން ކަމަށެވެ.

ސަރުކާރުން ޓެކްސީ ހިދުމަތަށް ވަންނަން އުޅޭ ވާހަކަ ތިލަކުރި ހިސާބުން މާލެ ސަރަހައްދުގެ ޑްރައިވަރުން އަންނަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.