ޗައިނާގެ އާ އަހަރާ ދިމާކޮށް މިދިޔަ މަހުގެ ފަހުކޮޅު ރިލިޒްކުރި އެނިމޭޓް ފިލްމު "ނީ ޒާ 2" ބޮޑު ހިޓަކަށްވެއްޖެ އެވެ.
ޖެނުއަރީ މަހުގެ 29 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް އާމްދަނީގެ ގޮތުގައި 1.11 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެވަރުގެ ބޮޑު އާމްދަނީއެއް ފިލްމު ހޯދި އިރު "ނީ ޒާ 2" މިހާރުވެފައި ވަނީ އެންމެ ބޮޑު އާމްދަނީއެެއް ހޯދި ޗައިނާގެ ފިލްމަށެވެ.
އެ ރެކޯޑް ކުރިން އޮތީ ކޮރެއާ ހަނގުރާމަ އަށް ބިނާކޮށް ޗައިނާ އިން ގެނެސްދިން 2021 ގެ ޕްރޮޕެގަންޑާ ފިލްމު "ދަ ބެޓްލް އޮފް ލޭކް ޗަންގިން" އަށެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 900 މިލިއަން ޑޮލަރެވެ.
"ނީ ޒާ 2" އަކީ ޖިއާއޯޒީ ލިޔެ، ޑައިރެކްޓްކޮށް 2019 ގައި ގެނެސްދިން ފެންޓަސީ އެޑްވެންޗާގެ ސީކްއެލް އެވެ. ޖުމްލަ 22 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަށް ބޮކްސް އޮފީހުގައި 742.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ޖުމްލަ 80 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ނީ ޒާ 2" ގައި ދައްކުވައި ދެނީ އާދަޔާހިލާފު ބާރުތަކެއް ލިބިފައިވާ ކުޑަ ފިރިހެން ކުއްޖަކު ނުބައި މަހުލޫގުންތަކަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާ ގޮތެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ޗައިނާގެ ހުރާފީ ވާހަކައެއް ކަމަށްވާ "އިންވެސްޓިޗާ އޮފް ދަ ގޯޑްސް" އަށެވެ.
"ނީ ޒާ 2" ޗައިނާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ އިރު އަންނަ ހަފުތާ އިިން ފެށިގެން އެމެރިކާ އާއި ކެނެޑާ އަދި އޮސްޓްރޭލިއާގައި ވެސް ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ.
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މި ފިލްމަކީ މިހާތަނަށް ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް ހޮލީވުޑްގެ "އެވަޓާ" ގެ ރެކޯޑް ވެސް މުގުރައިލާނެ ފިލްމެކެވެ. ދެހާސް ބާވީހުގައި "އެވަޓާ 2" ވެސް ގެނެސްދިން ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ 2009 ގެ "އެވަޓާ" ގެ އާމްދަނީ އަކީ 2.923 ބިިލިއަން ޑޮލަރެވެ.