Last Updated: May 8, 02:27
Thursday, May 8, 2025
މުނިފޫހިފިލުވުން

އަޖޭ ވާހަކަ ނުދައްކާތާ 18 އަހަރުވެއްޖެ: އަނޫބަވް

އަޖޭ ދޭވްގަންއާ މިއިން ޒަމާނަކު ބައްދަލު ވެސް ނުވާ ކަމަށާއި ދެ މީހުން އެއްގޮތަކަށް ވާހަކަ ވެސް ނުދައްކާތާ 18 އަހަރުވެފައިވާ ކަމަށް ބޮލީވުޑްގެ ޑައިރެކްޓަރު އަނޫބަވް ސިންހާ ބުނެފި އެވެ.

އަޖޭ އަކީ އަނޫބަވް 2007 ގައި ގެނެސްދިން ފިލްމު "ކޭޝް" ގައި މުހިއްމު ރޯލެއް ކުޅެފައިވާ އެކްޓަރެވެ.

ލައްލަންޓޮޕަށް ދިން އިންޓަވިއުއެއްގައި އަނޫބަވް ބުނީ އޭނައާ އަޖޭ ވާހަކަ ނުދައްކަނީ ކީއްވެގެން ނޭނގޭ ކަމަށެވެ. އެކަމަކު އެ ދެ މީހުންގެ މެދުގައި މިހާތަނަށް އެއްވެސް ކަހަލަ ކޯޅުމެއް ނުވަތަ ދެބަސްވުމެއް ވެސް ހިނގާފައި ނެތް ކަމަށް ބުންޏެވެ.

"އަހަރެން އެކި ފަހަރު މަތިން އޭނައާ ވާހަކަ ދައްކަން ބޭނުންވެގެން މެސެޖް ވެސްކޮށްފައި ވާނެ. އެކަމަކު މިހާތަނަކަށް އެއްވެސް މެސެޖަކާ ގުޅިގެން ރިޕްލައިއެއް ވެސް ނާދޭ،" އަނޫބަވް ބުންޏެވެ. "ނޭނގޭ އެއްގޮތަކަށް ވެސް ކީއްވެގެން ކަމެއް. ފަހަރުގައި ވެދާނެ އަހަރެންގެ މެސެޖްތައް އަޖޭ އަށް ނުފެންނަނީ."

އަނޫބަވް ބުނި ގޮތުގައި އޭނަގެ ސިޔާސީ ފިކުރާއި ބޮލީވުޑްގެ ބައެއް ތަރިންގެ ސިޔާސީ ފިކުރާ ދިމާނުވާތީ ދުރުވުންތަކެއް ކުރިން ވެސް އަދި މިހާރު ވެސް އުޅޭ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ އަޖޭ ވެސް މާ ދުރުން އުޅެނީ އެފަދަ ސަބަބަކާ ހެދި ކަމަށްވުން އެކަށީގެންވާ ކަމަށް ބުންޏެވެ.

އަނޫބަވް ބުނި ގޮތުގައި އަޖޭއާ ގުޅުން ބޭއްވުުމަކީ ވަރަށް ބޭނުންވާ ކަމެކެވެ. އަދި އޭނަ އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށް ވެސް ބުންޏެވެ.

"އަޖޭ އަކީ އަހަރެންގެ އެންމެ ފެވަރިޓް އެއް އެކްޓަރު. އޭނައާ އެކު ކުރި މަސައްކަތަކީ ވެސް ހަމަ ހިތްގައިމު ތަޖުރިބާއެެއް." ތުމް ބިން އާއި ރާ.ވަން އަދި ތައްޕަޅް ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.