އިންޑިއާގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އޭނަގެ އުފަން ސްޓޭޓް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގެ މަނާލީައި ހަދާފައިވާ ރެސްޓޯރަންޓަށް ކިޔަނީ "ދަ މައުންޓެއިން ސްޓޯރީ" އެވެ.
މިތަނުގެ ވާހަކަ ކަންގަނާ އަންނަނީ ފޮޓޯތަކާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުންނެވެ. އޭނަ ބުނީ މަނާލީގައި ރެސްޓޯރަންޓެއް ހުޅުވުމަކީ ވަރަށް ކުރިއްސުރެ ވެސް ބޭނުންވި ކަމެއް ކަމަށާއި "ދަ މައުންޓެއިން ސްޓޯރީ" އިން ހިމާޗަލް ޕްރަދޭޝްގެ ހިތްގައިމު ރަހަތައް ތަޖުރިބާކޮށްލެވޭނެ ކަމަށެވެ.
ކަންގަނާ މުޅިން އާ ވިޔަފާރިއަކަށް އިންވެސްޓްކުރި އިރު، އޭނަ އަކީ މަނިކަރްނިކާ ފިލްމްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ މީހެކެވެ. އެތަނުގެ އެންމެ ފަހުގެ ފިލްމަކީ ކަންގަނާ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކުޅެ މިދިޔަ މަހު ގެނެސްދިން ފިލްމު "އިމަޖެންސީ" އެވެ.
ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ މިހާރު އަންނަނީ "ތަނޫ ވެޑްސް މަނޫ" ގެ ބަތަލު އާރް މާދްވަންއާ އެކު ސައިކޮލޮޖިކަލް ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.
ކަންގަނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ވެސް މެންބަރެކެވެ. އެގޮތުން ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި އޭނަ މިދިޔަ އަހަރުން ފެށިގެން ތަމްސީލު ކުރަމުން އަންނަނީ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ އެވެ.