ބޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދުގެ އާ ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ޒީ5 އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ނަމަކީ "ކްރައިމް ބީޓް" އެވެ. މީގެ ކާސްޓްގައި ބަތަލާ ހުމާ ގްރޭޝީގެ ކޮއްކޮ ސާގިބް ސަލީމާއި ސައީ ތަމްހާކަރް ވެސް ހިމެނެ އެވެ. "ކްރައިމް ބީޓް" ގެ ނެގަޓިވް ރޯލަކުން ވަރަށް މަޝްހޫރުވި ސިލްސިލާއެއް ކަމަށްވާ "ހީނާ" ގައި ސަމީރުގެ ރޯލު ކުޅުނު އެކްޓަރު ރާހުލް ބަޓް ވެސް ފެންނާނެ އެވެ.
މި ސީރީޒްގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، ސީރީޒް ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 21 ގަ އެވެ.
ދެހާސް އަށާރަ އިން ފެށިގެން ރިތިކް ރައްޓެހިވެގެން އުޅޭ ސަބާ އަކީ ބަތަލާއެއްގެ އިތުރުން މިއުޒިޝަނެއް ވެސް މެ އެވެ. އެކަމަކު އެ ދެ ފަންނުގައި ވެސް އޭނަ އަކީ މާ މަޝްހޫރު މީހެއް ނޫނެވެ.
ސަބާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ދިލް ކަބައްޑީ" އާއި "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" ހިމެނެ އެވެ. އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.
ސަބާ ކުޅެފައިވާ ސީރީޒްތަކުގެ ތެރޭގައި "ފީލްސް ލައިކް އިޝްގް" އާއި "ރޮކެޓް ބޯއިސް" ހިމެނެ އެވެ.