Last Updated: May 3, 01:04
Friday, May 2, 2025
ރިޕޯޓް

ޑްރަގް ބޭނުންކުރާ މީހުން ވެސް ތުނބުޅި ދިގުކުރަނީ އެވެ!

الحمد لله رب العالمين. والعاقبة للمتقين. ولاعدوان إلا على الظالمين. وأصلي وأسلم على المبعوث رحمة للعالمين. نبينا محمد وعلى آله وصحبه أجمعين. أما بعد

ޙައްޤާއި ބާޠިލާއި ކުރެވެމުން އަންނަ ހަނގުރާމައަކީ ހުރިހާ ޒަމާނެއްގައި ވެސް ކުރެވޭ ހަނގުރާމައެކެވެ. އެގޮތުން ﷲގެ ދީނަށް އުޅެން މަސައްކަތް ކުރަމުންދާ މުއުމިނުންނަށް ހުރިހާ ޒަމާނެއްގައި ވެސް ބާޠިލުގެ އަހުލުވެރިންގެ ދުއްތުރާތަކާއި ފުރައްސާރަތައް ކުރިމަތިވެ އެވެ.

މިކަންތަކަށް ކެތްތެރިވެ، މަރުއައިސް ބައްދަލުކުރަންދެން ޙައްޤުގެ މަގުގައި ޘާބިތުވެއްޖެ މީހަކަށް ބާއްޖަވެރިކަން ހުއްޓެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ވެސް، ޙައްޤަށް ތަބަޢަވާން މަސައްކަތް ކުރަމުންދާ މީހުންނަށް އެކި ޒާތްޒާތުގެ މަލާމާތާއި ފުރައްސާރައާއި ދަތިއުނދަގޫތައް ކުރިމަތިވަމުންދާ ދިއުމަކީ، މި ހަނގުރާމަ ކުރިއަށްދާ މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އެގޮތުން ދުލާއި، އަތާއި، ފަޔާއި ހުރިހާ ގުނަވަނެއްގެ މިނިވަންކަމަށް ގޮވައިލެވޭ މިފަދަ ދުވަސްވަރެއްގައިވެސް، ﷲގެ ދީނަށް ތަބަޢަވެ އިސްލާމީ ފޭރާމުން ޒީނަތްތެރިވުމުގެ ފުރުސަތު ބަންދުކުރެވި، އިސްލާމީ ތަޢުލީމު ޙާޞިލުކުރުމުގެ މަގު ހަނިކުރެވެމުންދާ ދިއުން ފާހަނގަކޮށްލަން ޖެހެއެވެ.

ހަމައެހެންމެ މީޑިއާގެ އެކިއެކި ވަސީލަތްތަކުން އިސްލާމީ ޝިޢާރުތަކަށާއި ޙައްޤުގެ އަހުލުވެރިންނަށް، ކުރެވެމުންދާ ފުރައްސާރައާއި މަލާމާތަކީ ވެސް ބަޔާން ނުކޮށް ފަރުޖައްސައިލެވޭ ވަރަށް ވުރެ، އޭގެ ޚުޠޫރަތްތެރިކަން ބޮޑުވެގެންވާ ކަމެކެވެ.

އާދެ، ވައްކަންކުރުމާއި، ފޭރުމާއި، މާރާމާރީ ހިންގުމާއި، ޒިނޭކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުންފަދަ ބޮޑުވެގެންވާ ޖަރީމާތައް ސައްތައިންސައްތަ މުސްލިމުންގެ މިދިވެހި ފަސްގަނޑުގައި ފެތުރެމުންދާކަމީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވެ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި އެކަންތައް ޙައްލުކުރުމަށް އެންމެން އަތުރުކުރިއޮޅައި މަސައްކަތްކުރަން ޖެހިފައިވާ ކަމެކެވެ. ނަމަވެސް މިގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި އެކަންތައްތަކުން ވެސް، އެހެން މަޤްޞަދުތަކެއް ޙާޞިލުކުރަން މީޑިއާގެ ވަސީލަތްތަކުގެ އެހީގައި ބައެއް މީހުން މަސައްކަތް ކުރަމުންދާ ތަން ފެންނަމުން ދެ އެވެ.

ނަތީޖާއަކަށް ވަނީ، ކަމުގެ ޙަޤީޤަތް ހޯދައި ބެލުމެއް ނެތި، ބައެއް މީހުން އެ އެއްޗެހީގައި ހިފައި، ދީނުގެ ޝިޢާރުތަކަށް ފުރައްސާރަ ކުރަމުން ދިއުމެވެ. ނޭނ ގިތިބެ ނަމަވެސް ކުފުރާއި ދިމާލަށް މިޞްރާބު ޖަހަމުން ދިއުމެވެ. ދީނުގައި އައިސްފައިވާ ކަންތައް ބަޔާންކޮށްދެވޭހިނދު، ‘ތުނބުޅިދިގުކޮށްގެން އުޅޭ މީހުންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނޭ’، ‘މޫނުބުރުޤާ އަޅައިގެން އުޅޭ މީހުންނަކީ ވައްކަންކުރާ މީހުންނޭ’ ބުނުންފަދަ ބަސްތަކުން ދީނަށް އުޅެން މަސައްކަތްކުރާ އެންމެނަށް ޙުކުމް ޖަހަމުން ދިއުމެވެ.

އެފަދަ މީހުންނަށް ދަންނަވާލާހިތް އޮތީ، ތުނބުޅި ދިގުކޮށްގެން އުޅޭ މީހުން މަސްތުވާތަކެތި ބޭނުން ކުރަނީއެއް ނޫނެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހުން ތުނބުޅި ދިގުކުރަނީ އެވެ. އަދި މޫނުބުރުޤާ އަޅައިގެން އުޅޭ މީހުން ވައްކަން ކުރަނީއެއް ނޫނެވެ. ވައްކަން ކުރާމީހުން މޫނުބުރުޤާ އަޅަނީ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަންކުރާ މީހުންނަށް ވެސް، މިއީ ޞާލިޙު އަޅުންގެ ފޭރާންކަން އެނގެއެވެ. އަދި ކިއެއްތަ! ކާފިރުން ވެސް މިކަން ދަނެ އެވެ. މުސްލިމުންނަށް ފުރައްސާރަ ކުރުމަށްޓަކައި އެބައި މީހުން ކުރަހާ ކުރެހުންތަކުން ވެސް މެންދުރުގެ އިރުފަދައިން މިކަންތައް ހާމަވެގެންވެ އެވެ.

މަސްދަރު: ދިސަލަފިއްޔާ