މަޝްހޫރު ކަންނާގެ އެކްޓަރު ޔާޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް" ގެ ކާސްޓްގައި ބޮލީވުޑްގެ ބަތަލާ ހުމާ ގްރޭޝީ ވެސް ހިމެނޭ ކަމަށް ބުނެފި އެވެ.
މިދިޔަ އަހަރުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަށް ކުރިން ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އާއި ތާރާ ސުތާރިއާގެ އިތުރުން ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ވެސް ހިމެނެ އެވެ. އާންމުކޮށް ތެލެގޫ އަދި ތަމަޅަ ފިލްމުތައް ކުޅޭ ނަޔަންތަރާ އަކީ ޝާހްރުކް ޚާންގެ 2023 ގެ "ޖަވާން" ގެ ބަތަލާ އެވެ.
"ޓޮކްސިކް" ގެ މައިގަނޑު ކާސްޓުންގެ ނަންތައް މިހާރު ފިލްމުގެ ވިކީޕީޑިއާ ޕޭޖްގައި ވެސް ހިމަނާފައިވާ އިރު، މިއިން ފެންނާނެ އެކްޓަރުންގެ ތެރޭގައި ބޮލީވުޑްގެ އަކްޝޭ އޮބެރޯއީގެ އިތުރުން މަލަޔާޅަމް އެކްޓަރު ސުދޭރް ނައިވް ވެސް ހިމެނެ އެވެ.
މި ފިލްމުގެ ރޯލަކަށް ބަތަލާ ކަރީނާ ކަޕޫރް ވެސް ކުރިން އެއްބަސްވި އެވެ. ނަމަވެސް ފަހުން އޭނަ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަޔަންތަރާ ފިލްމަށް ނެގީ ކަރީނާގެ ބަދަލުގަ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޓޮކްސިކް" އަކީ ގީތޫ މޯހަންދާސް ލިޔެ، ޑައިރެކްޓްކުރާ ޕީރިއަޑް ގޭންގްސްޓާ ފިލްމެވެ. ޖުމްލަ 200 ކްރޯޑް ރުޕީސް (23 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ ފިލްމު ސިނަމާތަކަށް ގެންނަން އިއުލާންކޮށްފައި އޮތް ތާރީހައަކީ އެޕްރީލް 10 އެވެ.
ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ފިލްމު އެ ތާރީހު ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.