Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލްކުރަން އިންޑިއާއިން އެހީވަނީ

ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހާރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގައި ޓެކްނޮލޮޖީ އާއި ޑިޖިޓަލައިޒޭޝަން އަދި އޭއައި ބޭނުންކުރަމުންދާ ގޮތަށް ތައުރީފު ކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން އެދިވަޑައިގެންފަ އެވެ.

މިކަމުގައި އިންޑިއާގެ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ލޮކް ސަބާގެ ރައީސް ވަނީ ދެއްވާފަ އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ހަދާ މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.