ފަލަސްތީނުގެ ގާޒާއިން އާންމުން ނެރެ އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންދިއުމަށް ގެންގުޅޭ ޕްލޭނާއެކު، މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އުރުދުންގެ ރަސްގެފާނު އަބްދުﷲ އާއާއެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން ގާޒާގެ ބިން ގަންނަން ނުޖެހޭނެ ކަމަށާއި އެއީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ތަނެއް ކަމަށެވެ. އެމެރިކާގެ ބާރުގެ ދަށަށް ގާޒާ ގެންދިޔުމަށް ކުރާ މަސައްކަތާއި މެދު ސުވާލު އުފައްދާނެ އެއްވެސް މީހެއް ނުހުންނާނެ ކަމަށާއި މި ޕްލޭނުގެ ދަށުން ގާޒާ އާއި މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ ބާރުގެ ދަށަށް ގާޒާ ގެންދިޔުމަށްފަހު، އެތަނުގައި ގިނަ އަދަދަކަށް މެދުއިރުމަތީގެ މީހުންނަށް ވަޒީފާތައް އުފައްދައިދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މި ވާހަކަތަކާއި ގުޅިގެން އުރުދުންގެ ރަސްގެފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގާޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކުރަން ކުރާ މަސައްކަތާއި ދެކޮޅުކަން ހާމަކުރައްވާފަ އެވެ. އަދި ގާޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ނުކޮށް، ގާޒާ އާރާސްތުކުރަން އިސްކަންދޭންޖެހޭ ކަމަށާއި މިކަމުގައި އަރަބި ގައުމުތަކުން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށްވެސް ރަސްގެފާނު ވިދާޅުވި އެވެ.
އިޒްރޭލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާތައްދީ ގާޒާ ވަނީ ސުންނާފަތިކޮށްލާފަ އެވެ. އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.