Last Updated: July 18, 11:10
Friday, July 18, 2025
ކުޅިވަރު

ރެއާލުން ފަހު ވަގުތު ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ ރެއާލުން މެޑްރިޑުން 3-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައިވާ ގޮތުން، ލީގު ބުރުުގެ ގަދަ އަށް ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭއިރު، ލީގުގެ 9-24 ގައި ހިމެނޭ ޓީމުތައް ކުޅޭނީ ޕްލޭއޮފުގަ އެވެ. ޕްލޭއޮފުން މޮޅުވާ އަށް ޓީމަކަށް ގަދަ 16ގެ ބާކީ އަށް ޖާގަ ލިބޭނެ އެވެ.

މި މެޗުގެ 19 ވަނަ މިނެޓްގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ ސިޓީން އުފެއްދި ކައުންޓަ އެޓޭކެއްގައި ރެއާލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ހާލަންޑް ކާމިޔާބު ކުރި ގޯލެކެވެ. މެޗުގެ 60 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުން ރެއާލުން ނަތީޖާ އެއްވަރުކުރިއިރު، ސިޓީން ވަނީ މެޗުގެ 80 ވަނަ މިނެޓްގައި އަލުން ލީޑު ނަގައިފަ އެވެ. މިއީ ސިޓީއަށް ލިބުނު ޕެނަލްޓީއަކުން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ.

މި ޕެނަލްޓީ ސިޓީއަށް ލިބުނީ ފިލް ފޮޑެން އަށް ރެއާލްގެ ކާލޯސް ސެބާއޯސް ކުރި ފައުލަކާއި ގުޅިގެންނެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ސިޓީއަށް ކުރިން ކުޅުނު ބްރަހިމް ޑިއާޒް ވަނީ ރެއާލަށް އަލުން ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި މެޗުން ރެއާލް މޮޅުވި ގޯލު ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އެވެ.

ރެއާލްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގަ އެވެ.

ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އިން 2-1 އިން ޕީއެސްވީގެ މައްޗަށް ކުރި ހޯދިއިރު، ޕީއެސްޖީން 3-0 އިން ވަނީ ބްރެސްޓް ބަލިކޮށްފަ އެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑުން ވަނީ 3-0 އިން ސްޕޯޓިން ލިސްބަން ބަލިކޮށްފަ އެވެ.