Last Updated: May 8, 02:27
Wednesday, May 7, 2025
މުނިފޫހިފިލުވުން

'ކިލް' ގެ ޑައިރެކްޓަރުގެ ފިލްމެއް ޗަރަން އަށް

މިދިޔަ އަހަރު ގެނެސްދިން ވަރުގަދަ އެކްޝަން ތުރިލާ "ކިލް" ގެ ޑައިރެކްޓަރު ނިކިލް ނާގޭޝް ބަޓްގެ ފިލްމެއް މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަން ހުށަހަޅައިފި އެވެ.

ޕިންކްވިލާ އިން ބުނީ މިއީ މަދޫ މަންޓޭނާ ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށާއި ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ވަނީ ހުރާފީ ވާހަކައަކަށް ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ މި ފިލްމު ޗަރަން އަށް ހުށަހަޅައި، މަޝްވަރާތައް ދަނީ ކުރިއަށެވެ.

"އާރްއާރްއާރް" އާއި "މަގަރީދާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރު މިހާރު އަންނަނީ ޑައިރެކްޓަރު ބުޗީ ބާބޫގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ޖާންވީ ކަޕޫރް ބަތަލާގެ ރޯލު ކުޅޭ އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ޗަރަން އަށް ނިކިލް ހުށަހެޅި ފިލްމުގެ ކުރިން އޭނަ އެހެން ފިލްމެއް ހަދާނެ އެވެ. އެއީ އޭނަ 2023 ގައި ބަތަލާ ތާރާ ސުތާރިއާއާ އެކު ގެނެސްދިން "އަޕޫރްވާ" ގެ ޕްރޮޑިއުސަރު މުރާތު ކެތާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކަމަކު އެއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

އިންޑިއާގެ އެންމެ އަނިޔާވެރި އެކްޝަން ފިލްމުގެ ގޮތުގައި މިދިޔަ އަހަރު ނިކިލް ގެނެސްދިން "ކިލް" އަކީ ބޮލީވުޑަށް އާ އެކްޓަރަކު ވެސް ތައާރަފުވި ފިލްމެކެވެ. އެގޮތުން ކަރަން ޖޯހަރް ދަރުމާ ޕްރޮޑަކްޝަނުން އުފެއްދި ފިލްމުން ތައާރަފުވީ ލަކްޝް ލަލްވާނީ އެވެ.

ނިކިލްގެ ފިލްމެއް ޗަރަން އަށް ހުށަހެޅި އިރު، "ޕުޝްޕާ" ގެ ޑައިރެކްޓަރު ސުކްރާމަރުގެ ފިލްމަކަށް އޭނަ ގެނައުމުގެ ވާހަކަތަކެއް ވެސް އަންނަނީ ދެކެވެމުންނެވެ. ޗަރަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ޑައިރެކްޓަރު އެސް ޝަންކަރްގެ "ގޭމް ޗޭންޖާ" އެވެ.