Last Updated: May 4, 06:02
Sunday, May 4, 2025
ޚަބަރު

މާލޭގައި އީވީ ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީ އަށް

މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމެވެ.

މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ. ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.

އީވީ ޓެކްސީގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ވެސް ދެނީ އެ ކުންފުނިންނެވެ. އެގޮތުން ފެރީ ހިދުމަތުގެ އިތުރުން މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެމްޓީސީސީން އަންނަނީ ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.

އީވީ ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އިރު، މި ސަރުކާރުން ޓެކްސީ ހިދުމަތުގެ ވަންނަން އުޅޭ ކަމަށް ބުނެ މާލެ ސަރަހައްދުގެ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ ވަރަށް ޒަރޫރީ ހިދުމަތަތަކަށްވުނާ އެކު، އީވީ ޓެކްސީ ލައިން ވާނީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށާއި ލުޔަކަށް ކަމަށެވެ. އަދި މިއީ ސަތޭކަ ޕަސަންޓް އީވީ ހިދުމަތަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޚިދުމަތް ދިނުމަށް އޫބާ ނުވަތަ ގްރެބް ކޮންސެޕްޓް ފަދަ ސޮފްޓްވެއާގެ ތެރެއިން އެމްޓީސިީސީން ބަލަހައްޓާނީ،" އަމީން ވިދާޅުވި އެވެ. "ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން ދެ މިނެޓް ތެރޭގައި ލިބޭނެ."

އޭނަ ވިދާޅުވީ އާންމު ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށާއި ބޭނުން ވަނީ ޓެކްސީ ހިދުމަތްތައް ރަނގަޅަށް ރެގިއުލޭޓްކޮށް، ކަނޑައަޅާ ސްޓޭންޑާޑެއްގެ ދަށުން އެ ހިދުމަތް ދެވޭނެ އިންތިޒާމެއް ކަނޑައަޅަން ކަމަށެވެ.

ސަޢުދީ ވިދާޅުވީ ޓެކްސީގެ އީވީގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ޕޫލެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ. އަދި މި ޓެކްސީ ލައިނަށް ހާއްސަ އެވެއާނެސް ޕްރޮގްރާމެއް ހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ޓެކްސީ ލައިންގެ އެހީގައި މާލޭގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވޭ އެބަ." އޭނަ ވިދާޅުވި އެވެ.